12 Oct 2016, 12:34
ވޯލްޑް ކަޕް ކޮލިފައިންގައި ވެނެޒުއޭލާ އަތުން ބްރެޒިލް މޮޅުވި އިރު، ޕެރަގުއާއީ އަތުން އާޖެންޓީނާ ބަލިވެއްޖެ އެވެ.
ކޮލިފައިންގެ ދެކުނު އެމެރިކާ ގްރޫޕްގައި ވެނެޒުއޭލާއާ ދެކޮޅަށް ރަށުން ބޭރުގައި ބްރެޒިލް ކުޅުނު މެޗުން މޮޅުވެފައިވަނީ 2-0 ލަނޑުންނެވެ.
އެ މެޗުގެ ކުރީކޮޅު ބްރެޒިލް އިން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. މެޗުގެ އަށް ވަނަ މިނެޓުގައި ވެނެޒުއޭލާގެ ޑިފެންޑަރުންނަށް ހެދުނު ގޯހަކުން ބްރެޒިލަށް އެ ލަނޑު ކާމިޔާބުކޮށްދީފައިވަނީ އެ ޓީމުގެ ފޯވަޑް ގްބްރިއަލް ޖީސަސް އެވެ.
މެޗުގެ 32 ވަނަ މިނެޓުގައި ވެސް ވެނެޒުއޭލާގެ ޑިފެންޑަރުންގެ ފަރާތުން ގޯހެއް ފެނިގެންދިޔައެވެ. ވެނެޒުއޭލާގެ ވިލްކާ އެންހެލް އަށް ހެދުނު ގޯހަކުން ގެބްރިއަލް އުފެއްދި ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ލަނޑުން ބްރެޒިލް ކުރީގައި އޮވެގެންނެވެ.
މެޗުގެ 53 ވަނަ މިނެޓުގައި ބްރެޒިލް ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. ރެނެޓޯ އޮގަސްޓޯ ދިން ނުރައްކާތެރި ބޯޅައަކުން ބްރެޒިލް އަށް އެ ލަނޑު ކާމިޔާބުކޮށްދީފައިވަނީ ޗެލްސީ ތަރި ވިލިއަން އެވެ.
އަނިޔާގައި ހުރި ކެޕްޓަން ލިއޮނެލް މެސީއާ ނުލައި ޕެރަގުއާއީއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު މެޗުން އާޖެންޓީނާ ބަލިވެފައިވަނީ 1-0 ލަނޑުންނެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި އާޖެންޓީނާ ކޮޅަށް ލަނޑު ޖެހުމަށްފަހު، ޕެރަގުއާއީގެ ޑާލިސް ގޮންޒާލޭޒް އުފާފާޅުކުރަނީ: އެ މެޗުން ޕެރަގުއާއީ މޮޅުވެފައިވަނީ 1-0 ލަނޑުން --- ފޮޓޯ: ގެޓީ
މެޗުގެ 18 ވަނަ މިނެޓުގައި ޕެރަގުއާއީގެ ލަނޑު ފެނިގެންދިޔައެވެ. އެންހެލް ރޮމޭރޯ ދިން ރީތި ބޯޅައަކުން ޕެރަގުއާއީގެ ލަނޑު ކާމިޔާބުކޮށްދީފައިވަނީ ޑާލިސް ގޮންޒާލޭޒް އެވެ. އެ ލަނޑަށްފަހު އާޖެންޓީނާއަށް ގިނަ ފުރުސަތުތަކެއް ލިބުނު ނަމަވެސް، ނަތީޖާ ހަމަހަމަ ކުރެވިފައެއް ނުވެ އެވެ.
މެޗުގެ ދެ ވަނަ ހާފު ފެށިތާ ދެ މިނެޓް ފަހުން އާޖެންޓީނާއަށް ޕެނަލްޓީއެއް ލިބިގެންދިޔައެވެ. ޕެރަގުއާއީގެ ޕެނަލްޓީ އޭރިޔާ ތެރެއިން ޑަ ސިލްވާ ބޯޅައިގައި އަތްލުމުން ދިން ޕެނަލްޓީން އާޖެންޓީނާ ފޯވަޑް ސާޖިއޯ އަގުއެރޯ ފޮނުވާލި ހަމަލާ، ކީޕަރު ޖަސްޓޯ ވިލާ ވަނީ މަތަކޮށްފައެވެ.
ކޮލިފައިންގައި ރޭ ކޮލަމްބިއާ އާއި އުރުގުއާއީ ބައްދަލުކުރި މެޗު ނިމިގެންދިޔައީ 2-2 ލަނޑުން އެއްވަރުވެގެންނެވެ. މެޗުގެ 15 ވަނަ މިނެޓުގައި އަބެލް އަގުއުލާ އަމިއްލަ ދަނޑުގައި ކުޅެމުންދިޔަ ކޮލަމްބިއާ އަށް ލީޑު ހޯދައިދިން ނަމަވެސް، މެޗުގެ 27 ވަނަ މިނެޓުގައި ކްރިސްޓިއަން ރޮޑްރިގޭޒް ވަނީ އުރުގުއާއީ އަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.
މެޗުގެ 73 ވަނަ މިނެޓުގައި ލުއިސް ސުއަރޭޒް އުރުގުއާއީ އަށް ލީޑު ހޯދައިދިން ނަމަވެސް، މެޗު ނިމެން ހަ މިނެޓަށް ވެފައިވަނިކޮށް ކޮލަމްބިއާ އިން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. ކޮލަމްބިއާއަށް އެ ލަނޑު ކާމިޔާބުކޮށްދީފައިވަނީ ޔެރީ މިނާ އެވެ.
ކޮލިފައިންގެ ދެކުނު އެމެރިކާ ގްރޫޕްގެ އެއް ވަނައިގައި އޮތީ ކުޅުނު 10 މެޗުން ލިބުނު 21 ޕޮއިންޓާއެކު ބްރެޒިލެވެ. ދެ ވަނައިގައި އޮތް އުރުގުއާއީއަށް ކުޅުނު 10 މެޗުން 20 ޕޮއިންޓް ލިބިފައިވާ އިރު، ތިން ވަނައިގައި އޮތް އިކުއެޑޯ އަށް ކުޅުނު 10 މެޗުން ލިބިފައިވަނީ 17 ޕޮއިންޓެވެ. އާޖެންޓީނާ އޮތީ ކުޅުނު 10 މެޗުން ލިބުނު 16 ޕޮއިންޓާއެކު ފަސް ވަނައިގައެވެ.