ރާއްޖޭގެ ތައުލީމީ މުގައްރަރު އަލުން އެކަށައެޅުމުގެ މަސައްކަތް ސަރުކާރުން ކުރާއިރު ސްކޫލްތަކުގައި ފަރަންސޭސި ބަސް ކިޔަވައިދިނުމަށް ބާރުއަޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ފަރަންސޭސި ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަ ސަފީރު ކްރިސްޓީން ރޮބިޝޯންއާ ރޭ މުލިއާގޭގައި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.

ރައީސްގެ ވިދާޅުވީ ރާއްޖޭގެ ކިޔަވާ ކުދިންނަށް އިތުރު ބަސްތައް ކިޔަވައި ދިނުމުގެ ގޮތުން ސަރުކާރުން ކުރާ މަސައްކަތްތަކުގެ ދަށުން ފަރަންސޭސި ބަހަށް އަހުލުވެރި ކުރުވުމަށް ރާއްޖޭގެ ބައެއް ސްކޫލްތަކުގައި، ފަރަންސޭސި ބަސް ކިޔަވައިދެއްވަން ފަށްޓަވާފައިވާ ކަމަށާއި އެ ބަސް ކިޔަވައިދިނުމަކީ ވެސް ސަރުކާރުން އިސްކަމެއްދޭ ކަމެއް ކަމަށެވެ.

މީގެ އިތުރުން ރާއްޖެއާއި ފަރަންސޭސިވިލާތާ ދެ ޤައުމުގެ ދެމެދުގައި އޮތް ރަހުމަތްތެރި ގުޅުމުގެ ތާރީހުގެ މައްޗަށް ވެސް ރައީސް ބައްލަވާލެއްވި އެވެ. އެގޮތުން، މީލާދީން 1700އިގެ އަހަރުތަކުގެ ތެރޭގައި، މަލާބާރީންގެ އަޅުވެތިކަމުން ރާއްޖެ ސަލާމަތް ކުރެއްވުމަށް، ދޮންބަންޑާރައިން ކުރެއްވި ޖިހާދުގައި، ފަރަންސޭސިވިލާތުން ޕޮންޑިޗެރީގައި ޤާއިމްކޮށްފައިވާ އެ ޤައުމުގެ ފައުޖުގެ އެހީތެރިކަން ލިބިފައިވާކަން ފާހަގަކުރެއްވި އެވެ. އަދި އޭގެފަހުން، ރާއްޖެއާއި ފަރަންސޭސިވިލާތާ ދެ ޤައުމުގެ ދެމެދުގައި ގުޅުން ބަދަހިވަމުން ގޮސްފައިވާކަން ފާހަގަކުރައްވައި، އެ ގުޅުން އިތުރަށް ދަމަހައްޓަވައި، ބަދަހިކުރެއްވުމަށް ސަރުކާރުން ބޭނުންވާ ކަމުގައި ރައީސް ވިދާޅުވި އެވެ.