12 Oct 2016, 11:47
އަމިއްލަ ކުންފުއްޏެއްގެ ގޮތުގައި ހިންގާ މުއާސަލާތީ ކުންފުނި އުރީދޫ މޯލްޑިވްސް ޕަބްލިކް ކުންފުންޏަކަށް ބަދަލުކޮށް އާންމުންނަށް އެ ކުންފުނީގެ ހިއްސާ ވިއްކުމަށް ނިންމައިފިއެވެ.
ސަންއަށް އެނގިފައިވާގޮތުގައި މާދަމާއިން ފެށިގެން އުރީދޫ ޕަބްލިކް ލިމިޓެޑް ކުންފުއްޏަކަށް ބަދަލުވާނެއެވެ. އެއާއެކު އެކުންފުނީގެ ހިއްސާ އާންމުންނަށް ވިއްކާނެއެވެ.
އެކަން އުރީދޫއިންވެސް ސަން އަށް ޔަގީންކޮށްދެއެވެ. އުރީދޫގެ އެސިސްޓެންޓް މެނޭޖަރު ޕަބްލިކް ރިލޭޝަންސް ނޫރާ ޒާހިރު ވިދާޅުވީ އެކުންފުނީގެ ހިއްސާ އާންމުންނަށް ދެވޭކަމީ ބޮޑު އުފަލެއް ކަމަށެވެ.
"އުރީދޫ އަކީ ދިވެހިރާއްޖޭގެ ރައްޔިތުންގެ އެއްބާރުލުމާ އެކު މިހިސާބަށް އާދެވިފައިވާ ކުންފުންޏަކަށް ވާއިރު، އަޅުގަނޑުމެންގެ ކުރިއެރުމުގައި އަދި ކާމިޔާބީގައި ބައިވެރިވުމަށް ދިވެހި ރައްޔިތުންނަށް ފުރުސަތު ހުޅުވާލެވުމަކީ ވަރަށް ބޮޑު އުފަލެއް،" ނޫރާ ވިދާޅުވިއެވެ.
ހިއްސާ ވިއްކާ އުސޫލު ފަދަ މައުލޫމާތުތައް ވަރަށް އަވަހަށް އާންމު ކުރާނެ ކަމަށް ނޫރާ ވިދާޅުވިއެވެ.
އުރީދޫ ޕަބްލިކް ކުންފުއްޏަކަށް ބަދަލުވުމާއެކު އެކުންފުނި ހިންގައިގެން ލިބޭ ފައިދާ ހިއްސާ ދާރުންނަށް ލިބިގެންދާނެއެވެ. އަދި ކުންފުނި ހިންގުމުގެ ބޯޑުން ހިއްސާ ދާރުންގެ ތެރެއިން ބޭފުޅަކަށް ފުރުސަތު ލިބޭއިރު ކުންފުނީގެ ތަފާސް ހިސާބުތައް އާންމުކުރެވޭނެއެވެ.
މުއާސަލާތީ ދާއިރާއަކީ ބޮޑު ފައިދާއެއްވާ ދާއިރާއަކަށްވާއިރު މުއާސަލާތީ ކުންފުނި ދިރާގުގެ ހިއްސާދާރުންނަށްވެސް ދަނީ ފައިދާ ލިބެމުންނެވެ.