ފެނަކަ ކޯޕަރޭޝަންގެ ޗެއާމަންގެ މަގާމުގައި ހުންނެވި މުހައްމަދު ނަދީމް އެމަގާމުން މިއަދު އިސްތިއުފާ ދެއްވައިފިއެވެ.

ފެނަކަ ކޯޕަރޭޝަންގެ އޮފިޝަލަކު މިއަދު ވަނީ އެކަން "ސަން"އަށް ޔަގީންކޮށްދީފައެވެ.

ނަދީމް އިސްތިއުފާ ދެއްވިކަމެއް އެއްވެސް ރަސްމީ ފަރާތަކުން އަދި ހާމަކޮށްފައެއް ނުވެއެވެ. އަދި އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ ކީއްވެކަމެއް ވެސް ސާފުވާގޮތެއް ނުވެއެވެ.

ޗެއާމަން ކަމުގެ މަގާމުން ނަދީމް މިއަދު އިސްތިއުފާ ދެއްވާފައިވާ އިރު، މިދިޔަ މަހުގެ 26 ވަނަ ދުވަހު ވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުގައި ހުރި ނިމާލް އެ މަގާމުން ވަކިކޮށް، އާ އެމްޑީއަކަށް ތިމަރަފުށި ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ޝަރީފް އައްޔަނު ކުރައްވައިފައެވެ.

ނިމާލު އެ މަގާމުން ވަކިކުރެއްވި ސީދާ ސަބަބެއް ވެސް އަދި ވަކި ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ.

ނަމަވެސް ފެނަކައަށް ބޭނުންވާ އެއް މިލިއަން ޑޮލަރު، ލޯންޗުގެ ހިދުމަތް ދޭ ކުންފުންޏެއް މެދުވެރިކޮށް ގަންނަން ވެގެން ދިން 17 މިލިއަން ރުފިޔާއަށް ވީ ގޮތް ނޭނގުމާއި ޑޮލަރު ވެސް ލިބޭ ގޮތް ނުވި މައްސަލައެއް ވެސް މި ފަހުން ވަނީ ފެންމަތި ވެފައެވެ.