12 Oct 2016, 11:38
އޯޓިޒަމް އެޑްވޮކަސީ ލީޑާޝިޕް ނެޓްވާކްގެ ޖަލްސާއެއްގައި ބައިވެރިވެ ވަޑައިގަތުމަށް، ރާއްޖޭގެ އޯޓިޒަމް އެސޯސިއޭޝަންގެ ޗެއާޕާސަން، އަދި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަންމަނިކުގެ އަނބިކަނބަލުން އިލްހާމް ހުސައިން އެމެރިކާގެ ވެރިރަށް ވޮޝިންގްޓަނަށް ފުރާވަޑައިގެންފި އެވެ.
އިލްހާމް ހުސައިންގެ އެ ދަތުރުފުޅަކީ ދުނިޔޭގެ ފެންވަރުގައި އޯޓިޒަމަށް ހޭލުންތެރިކުރުމާއި އެކަމާ ބެހޭގޮތުން ހަރަކާތްތައް ހިންގުމަށް އުފައްދާފައިވާ "އޯޓިޒަމް ސްޕީކްސް"ގެ ދައުވަތަކަށް ކުރައްވާ ފަތުރުފުޅެކެވެ.
އޯޓިޒަމް އެސޯސިއޭޝަނުން ބުނީ އެ ކޮންފަރެންސް އޮންނާނީ މިމަހު 13 އިން 14 އަށް ކަމަށެވެ.
މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނަކީ، ބައެއް އޯޓިޒަމް ކުދިންގެ ބެލެނިވެރިންނާއި އެކުގައި އިލްހާމް 2009 ވަނަ އަހަރު އުފެއްދެވި ޖަމިއްޔާއެކެވެ.
އޯޓިޒަމް އެސޯސިއޭޝަނުން ބުނީ މިހާރު އެ އެސޯސިއޭޝަންގެ ހަރަކާތްތައް ވަނީ ތައުލީމާއި ތަމްރީނުގެ ދާއިރާތަކުން ވަރަށް ބޮޑެތި ކުރިއެރުންތައް ހޯދާ ފުޅާކޮށްފައި ކަމަށެވެ. އަދި އޯޓިޒަމް ކުދިންނަށް ތައުލީމު ދިނުމަށް 100 އަށްވުރެ ގިނަ ޓީޗަރުން ތަމްރީނުކޮށްފައިވާ ކަމަށް އެ އެސޯސިއޭޝަނުން ބުންޏެވެ. އެގޮތުން މާލެއާއި ގިނަ އަތޮޅުތަކެއްގެ ސްކޫލްތަކުގެ ޓީޗަރުންނަށް އޯޓިޒަމާ ބެހޭ ވޯކްޝޮޕްތަކާއި ތަމްރީނު ދީފައިވާ ކަމަށް އެ އެސޯސިއޭޝަނުން ބުންޏެވެ.
އެ އެސޯސިއޭޝަނުން ބުނީ 100 ވަރަކަށް ކުދިންނާއި އެކުދިންގެ ބެލެނިވެރިންނަށް މިހާރު އެކި ގޮތްގޮތުން އެ އެސޯސިއޭޝަނުން އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށެވެ.
އެ އެސޯސިއޭޝަނުން މިހާރު އަންނަނީ ޒަމާނީ ފެންވަރުގެ އޯޓިޒަމް ސެންޓަރެއް ހުޅުމާލޭގައި އިމާރާތްކުރަމުންނެވެ.