12 Oct 2016, 10:22
ވޮޝިންޓަން(އޮކްޓޯބަރު 12): އެމެރިކާގެ ސަރުކާރުގައި އެންމެ އިސް މަގާމެއްގައި މިވަގުތު ހުންނެވި ރިޕަބްލިކަން ޕާޓީގެ މެމްބަރު ޕޯލް ރަޔާން ކުރިއަށް އޮތް ތަނުގައި އެޕާޓީގެ ރިޔާސީ ކެނޑިޑޭޓު ޑޮނަލްޑް ޓްރަމްޕަށް ތާއިދު ނުކުރައްވާނެ ކަމަށް ވިދާޅުވުމުން ޓްރަމްޕް އޭނާއަށް ފާޑު ވިދާޅުވެއްޖެ އެވެ.
އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ކަމަށްވާ ޕޯލް ރަޔާން ޓްރަމްޕުގެ އަމަލުތައް ދިފާއު ކުރެއްވުން ހުއްޓާލައި، އޭނާއަށް އިތުރަށް ކެމްޕެއިން ނުކުރައްވާނެ ކަމަށް ވިދާޅުވީ، ޓްރަމްޕް އަންހެނުންނާ ބެހޭ ގޮތުން ވަރަށް ދަށު ދަރަޖައިގެ ވާހަކަތަކެއް ދައްކަވާފައިވާ ވީޑިއޯއެއް އާއްމުވުމާ ގުޅިގެންނެވެ.
އެވީޑިއޯއާ ގުޅިގެން ރަޔާންގެ އިތުރުން ގާނޫނު ހަދާ މަޖިލީހުގައި ތިއްބަވާ ރިޕަބްލިކަން ޕާޓީގެ މެމްބަރުންގެ ތެރެއިން ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މެމްބަރުން ވަނީ ޓްރަމްޕަށް ތާއިދު ނުކުރަން ނިންމަވާފައެވެ. އަދި 10 ޕަސެންޓު މެމްބަރުން ވަނީ ޓްރަމްޕް ރިޔާސީ ރޭހުން ވަކިވާން ގޮވާލައްވާފަ ކަަމަށް ރޮއިޓާސްގައިވެ އެވެ.
ޓްރަމްޕް ވަނީ ޕާޓީގެ އިސް ފަރާތްތަކުން އޭނާއަށް ތާއިދު ނުކުރަން ނިންމެވުމުން ޕާޓީގެ 'ޗޭނުތަކުން ސަލާމަތްވެފައިވާ" ކަމަށާއި މިހާރު "އޭނާ ބޭނުންފުޅުވާ ގޮތަކަށް އެމެރިކާއަށްޓަކައި ހަނގުރާމަ ކުރެވޭނެ" ކަމަށް ވިދާޅުވެފައެވެ. އަދި ޕޯލް ރަޔާނަކީ "އެއްވެސް ބާރެއް ނެތް، ނަތީޖާ ނުނެރެވޭ" ލީޑަރެއް ކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން ޓްރަމްޕް ވަނީ އޭނާގެ ކެމްޕެއިނަށް ހިލަރީ ކްލިންޓަންގެ ސަބަބުން ކުރާ ނޭދެވޭ އަސަރަށް ވުރެ "އެއްވެސް ތެދުވެރި ކަމެއް ނެތް ރިޕަބްލިކަން ޕާޓީގެ މެމްބަރުން"ގެ ސަބަބުން ކުރާ އަސަރު ބޮޑު ކަމަށް ވިދާޅުވެފައެވެ.
ރިޕަބްލިކަން ޕާޓީގެ ގިނަ އަދަދެއްގެ އިސް މެމްބަރުން ޓްރަމްޕަށް ކުރެއްވި ތާއިދު އަނބުރާ ގެންދެވި ނަމަވެސް އިތުރު ބައެއް އިސް މެމްބަރުން ވަނީ ޓްރަމްޕާއެކު ދެމި ތިއްބަވާނެ ކަމަށް ވިދާޅުވެފައެވެ. އޭގެ ތެރޭގައި ރިޕަބްލިކަން ޕްރައިމްރީގައި ޓްރަމްޕާ ވާދަ ކުރެއްވުމަށް ފަހު އޭނާއަށް ތާއިދު ކުރަން ނިންމެވި ނިއު ޖާޒީގެ ގަވަރުނަރު ކްރިސް ކްރިސްޓީ އާއި ޓެކްސަސްގެ ސެނެޓަރު ޓެޑް ކްރޫޒް ހިމެނެއެވެ. އަދި ރިޕަބްލިކަން ނެޝަނަލް ކޮމިޓީން ވެސް ވަނީ އެޕާޓީ އޮތީ ޓްރަމްޕްގެ ފަހަތުގައި ކަމަށް ބުނެފައެވެ. (ބީބީސީ)