12 Oct 2016, 10:14
ކެރިއަރަށް ސަމާލުކަން ދިނުމަށް އާލިއާ ބަޓް އަދި ސިދާރްތު މަލޯތުރާގެ ދެމެދު އޮތް ސިއްރު ލޯބީގެ ގުޅުން ނިންމާލި ނަމަވެސް، މިހާރު އަނެއްކާ ދެމީހުން ގުޅިފައިވާ ކަމަށް ޚަބަރުތައް ބުނެފި އެވެ.
އާލިއާ އާއި ސިދާރްތު ވަކިވި ކަމަށް ޚަަބަރުތައް ބުނަން ފެށީ މިދިޔަ މަހު އެވެ. "ޑްރީމް ޓީމް ޓުއާ" އަށް ފަހު ދެމީހުންގެ ގުޅުން ނިންމާލި އިރު އޭގެ ފަހުން އެކަކު އަނެކަކާ ބައްދަލު ނުކުރާ ކަމަށް އޭރު ޚަބަރުތައް ވަނީ ބުނެފައެވެ.
ނަމަވެސް ދެމީހުން ވަރަށް ސިއްރުން ބައްދަލު ކުރަނިކޮށް ވަރަށް ފަހުން ވަނީ ފެނިފައެވެ. އެގޮތުން މިދިޔަ ހަފްތާގައި ވެސް އާލިއާގެ ގެއަށް ސިދާރްތު ދަނިކޮށް ވަނީ ފެނިފައެވެ. އަދި އެ ގޭގައި ސިދާރްތު ހަތަރު ގަޑިއިރު ހޭދަކުރި ކަމަށްވެ އެވެ.
ދެމީހުންގެ ދެމެދު ލޯބީގެ ގުޅުމެއް އޮތް ކަމަށް އެއްބަސް ނުވި ނަމަވެސް، މީގެ ކުރިން ވެސް ދެމީހުން ބައްދަލުކޮށް ހެދި އިރު މީޑިއާއަށް ފިލާކަށް ނޫޅެވެ. އެކަމަކު މިހާރު ދެމީހުން އެހާ ސިއްރުން އުޅެނީ މީޑިއާގެ ސަބަބުން ދެމީހުންގެ ގުޅުމަށް ހީނަރުކަމެއް އަޔަ ނުދޭން ކަމަށް ސިދާރްތާ ގާތް މީހަކު ވަނީ ބުނެފައެވެ.
ސިދާރްތު ކެރިއަރަށް ސަމާލުކަން ދޭން ބޭނުންވާ ކަމަށް ބުނި އިރު، އޭނާ އެންމެ ފަހުން ކުޅުނު "ބާރް ބާރް ދޭކޯ" ވަނީ ފްލޮޕް ވެފައެވެ. ނަމަވެސް އާލިއާ އަންނަނީ ހިޓު ފިލްމުތަކެއް ބެލުންތެރިނާ ހަމައަށް ގެނެސްދެމުންނެވެ.
ސިދާރްތު ބުނީ އޭނާގެ މަސައްކަތަށް ވުރެ، އަމިއްލަ ދިރިއުޅުމަށް މީހުންގެ ޝައުގުވެރިކަން ހުންނަ މިންވަރު ބޮޑެވެ. އެހެންކަމުން ދެމީހުންގެ ގުޅުން ވަރަށް ސިއްރުން ކުރިއަށް ގެންދަން ނިންމީ ކަމަށް ބެލެވެ އެވެ.