08 Jun 2011, 12:12
ސ. ހިތަދޫގައި އިއްޔެރޭ ހިނގި އެކްސިޑެންޓްގައި އަނިޔާވެ، ހޭނާރައި އޮތް ޒުވާނާ އަށް އިތުރު ފަރުވާ ދިނުމަށް ސްރީލަންކާ އަށް ފުރުވާލައިފި އެވެ.
ހިތަދޫ ލިންކް ރޯޑްގައި ހިނގި އެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކެއް ލިބި ހޭނާރާ އޮތް އެ ރަށު ގޯލްފް، ހުސެއިން މުހުސިން 19، ލަންކާ އަށް ފުރުވާލީ ރޭ ދަންވަރު 1:00 ޖަހާކަންހާއިރު އެވެ.
އެކްސިޑެންޓަށް ފަހު ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާ އަށް މުހުސިން މާލެ ގެނައި އިރު ވެސް އޭނާ ހޭނާ ހެއެއް ނާރަ އެވެ.
އިއްޔެރޭ 10:00 ޖަހާ އެހާކަންހާއިރު ހިތަދޫ ކުރީގެ ކޮމްޕްރެހެންސިވް ސްކޫލް ކައިރިން ލިންކް ރޯޑުގައި ބާރު ސްޕީޑްގައި ދުއްވާފައި ދަނިކޮށް މުހުސިން އެކްސިޑެންޓްވީ މަގު ކޮނުމަށް ފަހު އެއްކޮށްފައި ހުރި ފަސް ފުންޏެއްގައި ޖެހި ސައިކަލާ އެކު ވިއްސައިގެން ގޮސް ކަމަށްވެ އެވެ. އެކްސިޑެންޓުގައި މުހުސިނު ދުރަށް ވިއްސައިގެން ގޮސް ޖެހުމާ އެކު ބޯ ފެޅި، އޭނާގެ ސިކުނޑިއަށް ލޭފޭދިފައިވާ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އާއިލާއިން ވަނީ ބުނެފަ އެވެ.
އެކްސިޑެންޓްގެ މަންޒަރު ދުށް މީހަކު ބުނި ގޮތުގައި އެކްސިޑެންޓްވީ ވަގުތު މުހުސިނު ވިއްސައިގެން ގޮސް އެ ސަރަހައްދުގައި ހުންނަ އިންޖީނުގޭގެ ފާރުގައި ޖެހި މަގުމައްޗަށް ވެއްޓުނު ކަމަށާއި އޭރު އޭނާގެ ބޮލުން ގިނަ އަދަދަކަށް ލޭފައިބަމުން ދިޔަ ކަމަށެވެ.