06 May 2010, 14:06
19:00
އިންޑިއާގެ މުމްބާއީގައި 2008 ވަނަ އަހަރު ދިން ޓެރަރިސްޓް ހަމަލާ ދިނުމުގައި ބައިވެރިވި ޕާކިސްތާނުގެ ރައްޔިތެއް ކަމަށްވާ މުހައްމަދު އަޖްމަލް ކަސަބުގެ މައްޗަށް މިއަދު މަރުގެ ހުކުމް އިއްވައިފި އެވެ.
އިންޑިއާގެ ކޯޓަކުން އަޖްމަލް ކަސަބުގެ މައްޗަށް ތަފާތު 86 ދައުވާއެއް ކޮށްފައިވާއިރު އެހުރިހާ ކުށެއް އޭނާގެ މައްޗަށް ވަނީ ސާބިތުވެފަ އެވެ. އޭނާގެ މައްޗަށް ސާބިތުވެފައިވާ ކުށްތަކުގެ ތެރޭގައި އިންޑިއާއާ ދެކޮޅަށް ހަނގުރާމަކުރުމާއި ކުށެއްނެތް ބަޔަކު މަރާލުމާއި ޓެރަރިސްޓް ހަރަކާތްތައް ހިންގުން ހިމެނެ އެވެ.
އަޖްމަލް ކަސަބުގެ މައްޗަށް މަރުގެ ހުކުމް އިއްވުމާ ގުޅިގެން އިންޑިއާގެ ގިނަބަޔަކު ދަނީ އެކަމާ އުފާފާޅުކުރަމުންނެވެ. މިކަމާ ބެހޭގޮތުން އެގައުމުގެ ސަރުކާރުގެ އޮފިޝަލަކު ބުނެފައިވަނީ އަޖްމަލް ކަސަބުގެ މައްޗަށް މަރުގެ ހުކުމް ނީއްވައިފިނަމަ އެކަން ވެގެން ދާނީ ބޮޑު ކުށަކަށް ކަމަށެވެ. އަދި އެފަދަ ލޭއޮހޮރުވުންތައް ހިންގާ ޓެރަރިސްޓުންނަށް މަރު ނޫން އެހެން އެއްވެސް ގޮތެއް ނެތް ކަމަށްވެސް އޭނާ ބުންޏެވެ.
މީގެ އިތުރުން އިންޑިއާގެ ފުލުހުންގެ ފަރާތުން ވާހަކަދެއްކި އޮފިޝަލަކު ބުނެފައިވަނީ ކޯޓުން ނިންމި ނިންމުމާމެދު އިންޑިއާގެ ހުރިހާ ރައްޔިތުން ވެސް ތިބީ ވަރަށް ހިތްހަމަޖެހިފައި ކަމަށާއި އިންޑިއާގައި ޓެރަރިސްޓުންނަށް ޖާގައެއް ނެތްކަން ޕާކިސްތާނަށާއި އެހެން ގައުމުތަކަށް ވެސް މިކަމުން އެނގިގެންދާނެ ކަމަށެވެ.
އަޖްމަލް ކަސަބުގެ މައްޗަށް އިއްވައިފައިވާ މަރުގެ ހުކުމް ތަންފީޒުކޮށްފިނަމަ އޭނާ ވެގެންދާނީ ވޭތުވެދިޔަ 12 އަހަރުތެރޭ އިންޑިއާއިން މަރުގެ ހުކުމް ތަންފީޒުކުރި ތިންވަނަ މީހާއަށެވެ.