12 Oct 2016, 10:11
ޗިސްމޭ ނުވަތަ ލިވަރ އަކީ ހަށިގަނޑުގައި އުފެދޭ އެކިބާވަތުގެ ވިހައިން ހަށިގަނޑު ސަލާމަތްކޮށް ދޭ އެންމެ މުހިއްމު އެއް ގުނަވަނެވެ.
ހަށިގަނޑަށް އެތެރެވާ ކެމިކަލް ކޮމްޕައުންޑްތަކުންނާއި ޖައްވު ނުސާފުވުމުގެ ސަބަބުންނާއި ބޭސް ކެއުމުގެ ސަބަބުންނާއި ބަނގުރާ ބުއިންފަދަ ކަންކަމުން ހަށިގަނޑަށް އެތެރެވާ ވިހަތައް ބޭރުކޮށްދިނުމުގައި ލިވަރ އަކީ ވަރަށް ބޮޑު ދައުރެއް އަދާކޮށްދޭ ގުނަވަނެކެވެ.
އިންސާނުންގެ ހަށިގަނޑު ސަލާމަތުން ހުންނަނީ މި ވިހަތައް ބޭރުކުރުމަށް އަބަދާއަބަދު ލިވަރ އަދާކުރާ ދައުރުގެ ސަބަބުންނެވެ. ލިވަރ ހަލާކުވެއްޖެނަމަ ލޭގައި ވިހަ ގިނަވެ ފުރާނައަށް ނުރައްކާވެގެން ދެއެވެ. އަދި ލިވަރ ހަލާކުވެއްޖެނަމަ އިންސާނާ މަރުވެއެވެ.
ލިވަރ، ހަށިގަނޑުން ވިހަ ބޭރުކޮށްދެނީ ލޭގެ ތެރެއިންނެވެ. މީގެއިތުރުން ހަޖަމުކުރުމަށް ބޭނުންވާ މުހިއްމު ޖޫހެއް ކަމަށްވާ ޔެލޯލިވާޑް އުފައްދަނީވެސް ލިވަރ އިންނެވެ. އަދި ހަށިގަނޑުގައި އިތުރުވާ ފެޓް ބޭރުކުރުމުގައިވެސް ލިވަރ މުހިއްމު ދައުރެއް އަދާކުރެއެވެ. އެހެންކަމުން ލިވަރ ނުވަތަ ޗިސްމޭ ފުރިހަމަ ސިއްހަތެއް ހުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ.
ޗިސްމޭ ފުރިހަމަ ސިއްޙަތެއްގައި ބެހެއްޓުމަށްޓަކައި ޚުދު ޗިސްމޭ ވިހަތަކުން ސަލާމަތްކޮށް ސާފުކުރަން ޖެހެއެވެ. ޗިސްމޭގައި ވިހަތައް ގިނަވެއްޖެނަމަ ޗިސްމޭ ހަލާކުވުމުގެ ފުރްސަތު ބޮޑުވެއެވެ. ޗިސްމޭން ވިހަތައް ފިލުވައި ޑީޓޮކްސް ކުރުމަށް ޑޮކްޓަރުންނާއި ނިއުޓްރިޝަނިސްޓުން ވަރަށް ބޮޑަށް ބާރުއަޅުއްވައެވެ. ތިރީގައި މިވަނީ ޗިސްމޭ ސާފުކޮށް ޗިސްމޭ ޑިޓޮކްސް ކުރުމަށްޓަކައި ކެއުމަށް ނިއުޓްރިޝަނިސްޓުން ނުވަތަ ކާބޯތަކެއްޗާބެހޭ އިލްމުވެރިން ބާރުއަޅުއްވާ ތަކެއްޗެކެވެ.

ކެރެޓް: ކެރެޓަކީ ޗިސްމޭ ސާފުކޮށް ޑިޓޮކްސް ކުރުމަށް ބޭނުންވާ މާއްދާތައް ވަރަށް ގިނަ ތަރުކާރީއެކެވެ. ކެރެޓްގައި ޗިސްމޭ ސާފުކޮށް އެއިން ވިހަތައް ފިލުވުމަށް ބޭނުންވާ ޕަލްޖޮލޮޓޭތިއޮން އާއި ފްލޭވޮނޮއިޑްސް ކޮންޕައުންޑްތައް ވަރަށް ގިނަ ކަމަށްވެއެވެ. ކެރެޓް ބޭނުންކުރަން އެންމެ ރަނގަނޅީ މިކްސަރުން ގިރައިގެން ކެރެޓް ސްމޫތީ ނުވަތަ ފަނީގެ ގޮތުގައި ހަކުރުނާޅައެވެ.

ޓޮމާޓޯ: ޓޮމާޓޯއަކީވެސް ޗިސްމޭ ސާފުކޮށް ޑިޓޮކްސް ކުރުމަށް ބޭނުންވާ މާއްދާތަކާއި ކޮންޕައުންޑްތައް ވަރަށް ގިނަ ތަރުކާރީއެކެވެ. އޭގައި ޕަލްޖޮލޮޓޭތިއޮން ގެ އިތުރުން އެންޓި އޮކްސިޑެންޓްސް ވެސް ވަރަށްގިނައެވެ. އަދި ކެންސަރުން ސަލާމަތްކޮށްދޭ މާއްދާތައްވެސް ޓޮމާޓޯގައި ހިމެނެއެވެ. ޓޮމާޓޯވެސް ބޭނުންކުރަން އެންމެ ރަނގަނޅީ މިކްސަރުން ގިރައިގެން ޖޫހުގެ ގޮތުގައެވެ.

ބީޓް ރޫޓް: ބީޓްރޫޓަކީ ވެސް ޗިސްމޭ ސާފުކޮށް އެއިން ވިހަތައް ފިލުވައިދޭ މާއްދާތައް ވަރަށް ގިނަ ތަރުކާރީއެކެވެ. އޭގައި ޕަލްޖޮލޮޓޭތިއޮން އާއި ފްލޭވޮނޮއިޑްސް ގެ އިތުރުން ބީޓާ ކެރޮޓިންވެސް އެކުލެވެއެވެ. ބީޓާ ކެރޮޓިންއަކީ ޗިސްމޭގެ ސިއްހަތު ރައްކާތެރިކޮށްދޭ މާއްދާއެކެވެ. ބީޓްރޫޓްވެސް ބޭނުންކުރަން އެންމެ ރަނގަނޅީ މިކްސަރުން ގިރައިގެން ޖޫހުގެ ގޮތުގައި ކަމަށް ނިއުޓްރިޝަނިސްޓުން ބުނެއެވެ.

ފިޔާ: ފިޔައަކީވެސް ޗިސްމޭ ސާފުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކުރާ ތަރުކާރީއެކެވެ. ފިޔައަކީ ވަހާއި ދިލައެއް ހުރުމުގެ ސަބަބުން ޖޫހުގެ ގޮތުގައި ބޭނުންކުރަން ދަތި ތަރުކާރީއެކެވެ. ނަމަވެސް ފިޔައި ބޭނުންކުރަންވެސް އެންމެ ރަނގަނޅީ ރޮލާ ހުއްޓައެވެ. ފިޔައިކުދިކޮށް ކޮށައިގެން ސަޓަނީގެ ގޮތުގައި ބޭނުންކުރެވިދާނެއެވެ.

ލޮނުމެދު: ލޮނުމެދަކީ ޗިސްމޭ ސާފުކޮށްދިނުމުގައި ދެވަނައެއްނެތް ފަދަ މުހިއްމު ތަރުކާރީއެކެވެ. ލޮނުމެދަކީ ފިޔައަށްވުރެވެސް ބޮޑަށް ވަހާއި ދިލަގަދަ ތަރުކާރީއެއް ކަމުން ޖޫހުގެ ގޮތުގައި ބޭނުންކުރަން ދަތިވެއެވެ. ނަމަވެސް ކުދިކޮށް ކޮށާފައި ސަޓަނީގެތެރެއަށް އަޅައިގެން ނޫނީ ރިހައިގެ ތެރެއަށް އަޅައިގެން ލޮނުމެދުވެސް ބޭނުންކުރެވިދާނެއެވެ.
(ބޯލްޑްސްކައި ލައިފް ސްޓައިލް)