ވޯލްޑްކަޕް ކޮލިފައިންގައި، ގަދަފަދަ އިނގިރޭސީންނާ ދެކޮޅަށް ސްލޮވޭނިއާ ކުޅުނު މެޗު 0-0ގެ ނަތީޖާ އަކުން އެއްވަރުވެގެން ނިމެއްޖެއެވެ.

އެ މެޗު އެއްވަރުވި ނަމަވެސް ގުރޫޕް އެފްގެ އެއްވަނަ އަދިވެސް ލިބެނީ ހަތް ޕޮއިންޓާ އެކު އިނގިރޭސީންނަށެވެ. ދެވަނައިގައި އޮތް ލިތުއޭނިއާއަށް ރޭ ކުޅުނު މެޗު 2-0ގެ ނަތީޖާ އަކުން ކާމިޔާބުކޮށް ލިބިފައި ވަނީ ޖުމްލަ ފަސް ޕޮއިންޓެވެ. ތިން ވަނައިގައި އޮތް ސްލޮވޭނިއާއަށް ވެސް ފަސް ޕޮއިންޓް ލިބުނު ނަމަވެސް އެޓީމަށް ތިން ވަނަ ލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ.

ސްލޮވޭނިއާގެ ދަނޑުގައި ކުޅުނު އެމެޗުގައި އިނގިރޭސީންނަށް ވުރެ މޮޅަށް ކުޅެ ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ވެސް ތަނަވަސް ކުރީ ސްލޮވޭނިއާއިންނެވެ. ނަމަވެސް އެ ހަމަލާތަކުގެ ހުރަހަކަށްވީ މެޗުގެ މޮޅު ކުޅުމެއް ދެއްކި އިނގިރޭސި ކީޕަރު ޖޯ ހާޓެވެ.

އެ މެޗުގައި ލަނޑުޖަހާނެ އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ސްލޮވޭނިއާގެ ޖޭސްމިން ކުއާޓިކަށެވެ. ނަމަވެސް އިނގިރޭސި ޕެނަލްޓީ އޭރިއާ ތެރެއިން ރޯމަން ބެޒްޒެކް ފޮނުވާލި ހަމަލާ ހާޓް ދިފާއު ކުރުމުން ލިބުނު ބޯޅަ ކުއާޓިކާ ފޮނުވާލި ނަމަވެސް އަމާޒްވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.

އޭގެ ފަހުން ވެސް ސްލޮވޭނިއާގެ ކުއާޓިކް އާއި ޖޮސިޕް ލިލިކިކް ފޮނުވާލި ބޯޅަ ވެސް ޖޯ ހާޓް ވަނީ ހުޝިޔާރު ކަމާއެކު ދިފާއުކޮށްފައެވެ.

މެޗުގައި އިނގިރޭސީންނަށް މާގިނަ ހަމަލާތެކެއް ވަނީ އުފެއްދޭގޮތް ނުވެފައެވެ. މެޗު ނިމެން ދަނިކޮށް އިނގިރޭސީން ވަނީ ހަމަލާއެއް އުފައްދާފައެވެ. ނަމަވެސް ޖެސީ ލިންގާޑް ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ބޯޅަ ދިޔައީ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ.