އިދިކޮޅު ފަރާތްތަކުން މި ސަރުކާރު ވައްޓާލަން އުޅުނަސް އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ޔޮޓް ޓުއާސްގެ ޗެއާމަން އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ "ޚަބަރަށްފަހު" ޕްރޮގްރާމްގައި ރޭ ވާހަކަފުޅު ދައްކަވަމުން ޖާބިރު ވިދާޅުވީ އަބަދުވެސް އިދިކޮޅު ފަރާތްތަކުން ބޭނުންވާނީ އެއިރެއްގައި އޮންނަ ސަރުކާރު ވައްޓާލަން ކަމަށާއި އިންތިގަލީ މަރުހަލާއެކޭ ކިޔައިގެން އުޅުނަސް މި ސަރުކާރު ނުވެއްޓޭނެ ކަމަށެވެ.

ޖާބިރު ވިދާޅުވީ، ގާނޫނު އަސާސީ ބުނާގޮތުން ރައީސުލްޖުމްހޫރިއްޔާ ފަސް އަހަރުގެ ދައުރަކަށް ވެރިކަމުގައި ހުންނަވަންޖެހޭނެ ކަމަށާއި ފަސް އަހަރުގެ ދައުރު ހަމަކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ޒިންމާއެއް ކަމަށެވެ.

"ޝައްކެއް ނެތް ރައީސް ޔާމީން އެކަން ކުރައްވާނެ،" ޖާބިރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ހަތް ވަނަ ދުވަހު ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްތިއުފާދެއްވުމުން ރާއްޖެއަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމަށެވެ.

"ރާއްޖޭގޭ ގާނޫނޫ އަސާސީ އައިފަހުން މިތާ ވެރިކަމެއް ދެމި ނޯންނަންޏާ ވަރަށް ދެރަ ނޫންތޯ. ސަރުކާރު އޮންނަންޖެހޭނެ. ފުލްޓާމަށް އޮންނަންޖެހޭނެ. ކުރިން ވެސް ސަރުކާރު ވެއްޓުނީމަ ބޮޑެތި ގެއްލުންވި ގައުމަށް،" ޖާބިރު ވިދާޅުވިއެވެ.

އަބަދުވެސް ހުންނަވާނީ ރައީސް ޔާމީނާ އެކު ކަމަށާއި އެމަނިކުފާނަށް 2018 ވަނަ އަހަރުގެ އިންތިޚާބު ކާމިޔާބުކޮށްދިނުމަށް ކުރެވެންހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރާއްޖެ ދުވަހަކު ވެސް ނުދެކޭފަދަ ތަރައްގީ އަންނަމުންދާ ކަމަށާއި ބޮޑެތި ކުރިއެރުންތަކެއް ރައީސް ޔާމީން އަންނަނީ ގެންނަމުން ކަމަށެވެ.

"ރާއްޖޭގެ އިގްތިސޯދު އަދި ކިރިޔާ ހިނގައިގެން މިދަނީ. ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވިފަހުން އަދި މާގިނަ ދުވަހެއް ނުއެއްވޭ. ވަށައިގެން މިފެންނަނީ ބޮޑެތި ޕްރޮޖެކްޓްތައް ހިންގަމުންދާތަން،" ޖާބިރު ވިދާޅުވިއެވެ.