ރާއްޖޭގައި ހިންގަމުން އަންނަ އަމިއްލަ ކޮލެޖެއް ކަމަށްވާ އެވިޑް ކޮލެޖުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށްދޭ އެކޮލެޖުގެ ޗެއާމަންސް ޑައިމަންޑް އެވޯޑް، ފާތިމަތު މުސްތަފާ ހޯދައިފި އެވެ.

އެވިޑް ކޮލެޖުންދޭ ޗެއާމަންސް ޑައިމަންޑް އެވޯޑަކީ އެ ކޮލެޖުގައިދެވޭ އެންމެ ޝަރަފްވެރި އެވޯޑެވެ. އެ އެވޯޑް ދެވޭނީ ތައުލީމީ ގޮތުން ހުރިހާ މާއްދާއަކުން ދަރިވަރުގެ އެވްރެޖް މާކްސް 85 ޕަސެންޓަށް ވުރެން މަތިން ހޯދުމާއެކު ދަރިވަރުންގެ ހާޒިރީންވެސް 85 ޕަސެންޓަށްވުރެ މަތިން ހޯދައި ކޮލެޖްގެ އިތުރު ހަރަކާތްތަކުގައި ބައިވެރިވެ ހަރަކާތްތެރިވެއުޅޭ އަހުލާގު ރަގަޅު ދަރިވަރުންނަށެވެ.

އަންގާރަ ދުވަހުގެ ރޭ ދަރުބާރުގޭގައި ބޭއްވި އެވިޑް ކޮލެޖުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ޑިޕްލޮމާ އިން ޕްރައިމަރީ ޓީޗިން އިން ކޯސް ފުރިހަމަކުރި ފާތިމަތު މުސްތަފާއަށް އިނާމު ހަވާލުކޮށްދެއްވީ އެވިޑް ކޮލެޖުގެ ބާނީ އަބްދުﷲ މުސްތާފު ރަޝާދު އެވެ.

މީގެ އިތުރުން އެ ރަސްމިއްޔާތުގައި ތައުލީމީ ގޮތުން ހުރިހާ މާއްދާއަކުން ދަރިވަރުގެ އެވްރެޖް މާކްސް 85 ޕަސެންޓަށްވުރެ މަތިން ހޯދުމާއެކު ދަރިވަރުންގެ ހާޒިރީންވެސް 85 ޕަސެންޓަށްވުރެ މަތިން ހޯދާ ދަރިވަރުންނަށް ދޭ ޗެއާމަންސް އެވޯޑް ހާސިލްކުރި ހަތަރު ދަރިވަރަކަށް ވަނީ އިނާމު ހަވާލުކޮށްފަ އެވެ.

ޗެއާމަން އެވޯޑް ހާސިލްކުރި ދަރިވަރުން

ޑިޕްލޮމާ އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން – ހުސެއިން ޖަވާދު

ޑިޕްލޮމާ އިން ޕްރައިމަރީ ޓީޗިން – ފާތިމަތު މުސްތަފާ

އެސޯސިއޭޓް ޑިގްރީ އިން އާލީ ޗައިލްޑްހުޑް އެޑިއުކޭޝަން – މަރިޔަމް ސާމިހާ

އެސޯސިއޭޓް ޑިގްރީ އިން ކައުންސިލިން – އައިމިނަތު ރިޔާޒާ

އޭގެ އިތުރުން ދަރިވަރުންގެ ހާޒިރީ ރަނގަޅުކުރުމަށް ހިތްވަރު ދިނުމުގެ އިތުރުން ތައުލީމީ ގޮތުން ވެސް ފެންވަރު ރަނގަޅު ދަރިވަރުން ބިނާކުރުމުގެ މަގްސަދުގައި އެވިޑް ކޮލެޖުން އަލަށް ތައާރަފްކުރި ކުލާސް ޕާފޯމަންސް އެވޯޑާއި ޓޮޕް އެޗީވާސް އެވޯޑް ހާސިލްކުރި ދަރިވަރުންނަށް ވެސް ވަނީ އެވޯޑް ކޮށްފަ އެވެ.

އެގޮތުން ކުލާސް ޕާފޯމަންސް އެވޯޑް 92 ދަރިވަރަކު ހޯދިއިރު، ކޮލެޖުގައި ކިޔަވައިދޭ ކޮންމެ ލެވެލް އަކުން އެންމެ މޮޅު ދަރިވަރަކަށް އެވިޑް ކޮލެޖުންދޭ ޓޮޕް އެޗީވާސް އެވޯޑް 17 ދަރިވަރަކު ރޭގެ ރަސްމިއްޔާތުގައި ހޯދާފައިވެ އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެވިޑް ކޮލެޖުގެ ޗެއާމަން މުސްތާގު ރަޝާދު ވިދާޅުވީ، ހަރުދަނާ މުޖުތަމައުއެއް ބިނާ ކުރެވޭނީ ފެންވަރު ރަނގަޅު ތައުލީމެއް ލިބިގެން ކަމަށެވެ. އެގޮތުން އެވިޑް ކޮލެޖުގެ އެންމެ މުހިއްމު ބޭނުމަކީ ފެންވަރު ރަނގަޅު ތައުލީމެއް ފޯރުކޮށްދިނުން ކަމަށް ވިދާޅުވި އެވެ.

"ތައުލީމް އުގެނިފައިވާ އެއްޗެއްގެ ބޭނުން އަމަލީ މައިދާނުގައި ފޯރުކޮށްދީގެން ހަރުދަނާ މުޖުތަމައު އެއް ބިނާ ކުރުމަށް ބާރު އެޅަން އެބަޖެހޭ. މިއަދުމި ބަވަނަ ވަމުންދާ ދުނިޔެއަށް އަޅުގަނޑުމެންގެ ލޯ ހުޅުވިގެންދާއިރު އެބަޖެހޭ އަޅުގަނޑުމެންގެ ބޭނުން ހެޔޮގޮތުގައި ހިފުމަށްޓަކައި ބައެއް ކަންތައްތަކަށް އިސްކަންދޭން،" ޗެއާމަން ވިދާޅުވި އެވެ.

އެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ބޭންކް އޮފް މޯލްޑިވްސްގެ ކުރީގެ ޗެއާމަންކަން ކުރެއްވި ޑރ. އަބްދުﷲ ޝިހާމް ހުސެއިން ވިދާޅުވީ، ކީރިތި ޤުރުއާނުގައި އަޅުގަނޑުމެން އުޅެންވާ ގޮތާއި ބަސްމަގާއި ހުރިހާކަމެއް ހިމެނިގެންވާ ކަމަށެވެ. އެހެންކަމުން އެފޮތުގެ ބޭނުން ރަގަޅުގޮތުގައި ހިފައިގެން އިސްލާމްދީނުގެ މަގުގައި ފައިތިލަ ސާބިތުކަންމަތީ ތިބުމަށް އިރުޝާދު ދެއްވި އެވެ.

ދަރުބާރުގޭގައި ބޭއްވި އެ ކޮލެޖުގެ 2016 ވަނަ އަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި 17 ކޯހަކުން 339 ދަރިވަރުން ވަނީ ދަސްވެނިވެފަ އެވެ. ދަސްވެނިވި ދަރިވަރުންގެ ތެރެއިން ގިނައީ އެސޯސިއޭޓް ޑިގްރީ އިންނާއި މާސްޓާސް ލެވެލް އިން ދަސްވެނިވެ ސަނަދު ހާސިލްކުރި ދަރިވަރުންނެވެ.