މިނިސްޓްރީ އޮފް ހައުސިން އެންޑް އެންވަރަމަންޓްގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން މަޝްހޫރު ވިޔަފާރިވެރިޔާ ޗަންޕާ މުހައްމަދު މޫސާ )އުއްޗު(އަށް ނިސްބަތްކޮށް މީހަކާ ދިމާއަށް ތަކުރާރުކޮށް އަވަގުރާނަ ބަސްތައް )ލަދު ހުތުރު ބަސްތައް( ވިދާޅުވެ ދިމާކުރަމުންދާ ކަމަށް ބުނެ މީހަކު ފުލުހުންނަށް މައްސަލަ ހުށަހަޅައިފި އެވެ.

ބައްދަލުވާ ކޮންމެ ތަނަކުން އަކުރަމް ކަމާލުއްދީން އަވަގުރާނަ ބަސްތައް ވިދާޅުވެ ޖެއްސުން ކުރައްވާ ކަމަށް ބުނެ އިއްޔެ ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވަނީ މއ. އިރާކުނުގޭ އަހުމަދު އަބޫބަކުރެވެ.

ފުލުހުންނަށް އެ މައްސަލަ ހުށަހެޅުމަށް އަހުމަދު ފޮނުވި ސިޓީގައި ބުނެފައި ވަނީ ކޮންމެ ތަނަކުން އޭނާ ފެނުނަސް ޗަންޕާ މުހައްމަދު މޫސާއާ އަށް ނިސްބަތްކޮށާއި އޭނާއާ މުހާތަބުކޮށް އަކުރަމް އަވަގުރާނަ ބަސްތައް ވިދާޅުވަމުންދާ ކަމަށެވެ.

"މަގުމަތިންނާއި އެހެންވެސް ކޮންމެ ތަނަކުން އަޅުގަނޑު ފެނުމާ އެކު، ޗަންޕާ ކައިރީގައި ބުނާށޭ ފ... އަދި ކަލޭ ވެސް ފ... ވިދާޅުވެ ތަފާތު ހަޑިހުތުރު ބަހުން އަޅުގަނޑާ މުހާތަބު ކުރަމުންދާތީ، އަޅުގަނޑަށް މިކަން އާއްމު އުނދަގުލަކަށްވެ، ނަފްސާނީ ގޮތުން އަޅުގަނޑަށް ތަފާތު އުނދަގޫތައް ކުރިމަތިވަމުންދާތީ މިކަން ބައްލަވައި މިކަމަށް ހައްލެއް ހޯދަވައިދެއްވުން އެދި ދެންނެވީމެވެ،" ޗަންޕާގެ ގާތް އެކުވެރިއެއް ކަމަށްވާ އަހުމަދު ފުލުހުންނަށް ހުށަހެޅި މައްސަލައިގައި ބުނެފައިވެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ފެންނަ ކޮންމެ ތާކުން އަވަގުރާނަ ބަސްތައް ރައްދު ކުރާ ކަމަށް ބުނެ، މީހަކު އަކުރަމާ މެދު މައްސަލައެއް ފުލުހުންނަށް އިއްޔެ ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލަ ފުލުހުން ބަލައިގެންފައިވާ ކަމަށެވެ. ނަމަވެސް އެ މައްސަލަ ތަހުގީގުކުރަން ފަށާފައިވާ ކަމެއް ނުބުނެ އެވެ.

އަކުރަމް މިއަދު ވިދާޅުވީ އަހުމަދަކީ އޭނާގެ ވަރަށް ގާތް އެކުވެރިއެއް ކަމަށާއި ދުވަހަކު ވެސް އެފަދަ ބަހަކުން އޭނާއާ ދިމާއަށް އެ ގޮތަށް މުއާމަލާތްކޮށްފައި ނުވާނެ ކަމަށެވެ.

"އަޅުގަނޑު އެއްގޮތަކަށް ވެސް ނުދެނެހުރިން ތިކަމެއް. އެއީ (އަހުމަދު އަބޫބަކުރު) އަކީ އަހަރެންގެ ވަރަށް ގާތް ރައްޓެއްސެއް އެހެންވީމަ އެހެނެއް ނުބުނާނެ އެއްނު،" އަކުރަމް ވިދާޅުވި އެވެ.

އަވަގުރާނަ ބަހުރުވައިން އަކުރަމް ވާހަކުފުޅު ދެއްކެވި ކަމަށް ބުނެ، ފުލުހުނަށް މައްސަލަ ހުށަހަޅާފައި ވަނީ ކ. ތުނބަފަޅު މައްސަލައިގައި ހައުސިން އެންޑް އެންވަރަމަންޓް މިނިސްޓްރީން އުއްޗު 100 މިލިއަން ރުފިޔާ އިން ޖޫރިމަނާކޮށްފައި ވަނިކޮށެވެ. އަދި އެ މައްސަލާގައި ބަހުގެ ހަމަލާތަކެއް އުއްޗުގެ ފަރާތުން އެންވަރަމަންޓް މިނިސްޓްރީއަށް ދެއްވާފައިވަނިކޮށެވެ. މީގެ އިތުރުން އެމްޑީޕީގެ އިސް މަގާމުތަކަށް ބޭފުޅުން ހޮވަން ބޭއްވި އިންތިހާބުގެ ކުރިން ދި ޓީވީން ބާއްވަން އިންތިޒާމްކުރި ބަހުސް ބޭއްވުމަށް ހައުންސިން މިނިސްޓްރީން ދަރުބާރުގެ ނުދިން މައްސަލާގައި ކޮރަޕްޝަންގެ މައްސަލަތަކެއް ހިމެނޭ ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ދި ޓީވީން މައްސަލަ ހުށަހަޅާފައި ވަނިކޮށެވެ.