11 Oct 2016, 23:04
ކޮރަޕްޝަން މައްސަލަތަކުގައި ފިޔަވަޅު އަޅާ މަންޒަރު ފެނިގެންދަނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވެރިކަމާ ހަވާލުވެވަޑައިގަތްފަހުން ކަމަށް ޔޮޓު ޓުއާސްގެ ޗެއާމަން އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީގެ "ޚަބަރަށްފަހު" ޕްރޮގްރާމްގައި މިރޭ ވާހަކަފުޅުދައްކަވަމުން ޖާބިރު ވިދާޅުވީ ރާއްޖޭގައި ކޮރަޕްޝަންގެ ކަންތައް ފެށިގެން އުޅޭތާ 30 ވަރަކަށް އަހަރު ވެއްޖެ ކަމަށާއި ނަމަވެސް އެފަދަ މައްސަލަތަކުގައި ފިޔަވަޅު އެޅިތަނެއް މީގެކުރިން ފެނިފައިނުވާ ކަމަށެވެ.
"ރައީސް ޔާމީންގެ ސަރުކާރުން މިފެންނަނީ އެބޭފުޅާގެ ނައިބު ވެސް ވައްކަން ކުރީމަ އެއޮތީ ޖަލަށްލާފަ. އެހެންވީމަ ސިސްޓަމް ވޯކް އެބަކުރޭތާއޭ. ކުރީގެ ކޮރަޕްޝަން ގާނޫނާ ދޭތެރޭ ފިޔަވަޅެއް ނާޅާ،" ޖާބިރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވި އިރު ރާއްޖެއަކީ "ކޮރަޕްޝަންގެ ވެލެއް" ކަމަށާއި އެފަދަ މައްސަލަތަކުގައި ފިޔަވަޅު އަޅަމުން އެބަގެންދަވާ ކަމަށެވެ. މިހާރު ކޮރަޕްޝަންގެ މައްސަލަތައް ގިނައީ ނޫން ކަމަށާއި ކޮރަޕްޝަންގެ ވާހަކަތައް ދެއްކުން އިތުރުވަނީ ކަމަށް ޖާބިރު ވިދާޅުވިއެވެ.
"ބައްލަވާ ރައީސް މައުމޫންގެ ވެރިކަމުން ފެށިގެން، އޭރުއްސުރެ ކޮރަޕްޝަން އޮތީ ފެށިފައި. މިހާރު ކޮރަޕްޝަން ތަންކޮޅެއް މަދުވެގެން މިއުޅެނީ. އެއިރު އެވާހަކަ ނުދައްކަނީ. އެހެންވީމަ ރައީސް ޔާމީނާ ހަމަޔަށް އައިއިރު ކޮރަޕްޝަންގެ ވެލެއް މި ގައުމަކީ. އެހެންވީމަ މިހާރު ކޮރަޕްޝަނާ ބެހޭގޮތުން ވާހަކަދެއްކުމުގެ ފުރުސަތު އޮތީ،" ޖާބިރު ވިދާޅުވިއެވެ.
އެމްއެމްޕީއާރްސީގެ ފައިސާ ނެންގެވީ ރައީސް ޔާމީން ނޫން ކަމަށާއި އެފައިސާ ނެންގެވީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރުކަން މިއަދު އެއޮތީ ފެންނަން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ރައީސުލްޖުމްހޫރިއްޔާ އެއް ނޫނޭ ފައިސާ ނެގީ. އެ ފައިސާ ނެގީ އަދީބުކަން އަޅުގަނޑުމެންނަށް ފެންނަން މިހިރީ،" ޖާބިރު ވިދާޅުވިއެވެ.