ކީރިތި ޤުރުއާނުގެ މަތިވެރި ރަހުމަތުގެ ތެރޭގައި މުޅި މުސްތަގްބަލް ބާއްޖަވެރިކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް އިންފޮމޭޝަން ކޮމިޝަނަރު އަބްދުލް އަޒީޒު ޖަމާލު އަބޫބަކުރު ވިދާޅުވެއްޖެއެވެ.

ރަމަޟާންމަހު ސަން ޓީވީން ކުރިއަށްގެންދިޔަ "އެސްޓީއޯ ސަން ޤުރުއާން އަދި މަދަހަ މުބާރާތު"ގެ ނަތީޖާ ފާޅުކުރުމަށް މިރޭ އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން އަޒީ ވިދާޅުވީ، ޅަފަތުގައި ޤުރުއާނަކީ އެކުވެރިއެއްގެ ގޮތުގައި ހިޔާރުކޮށްގެން އެރޮނގުން ކުރިއަށްދާން މަސައްކަތްކުރި ކުރުމަކީ ކުދިންގެ މުސްތަގްބަލް ބާއްޖަވަރި ކުރުމަށްޓަކައި އެޅުނު ވަރަށް މުހިއްމު ފިޔަވަޅެއް ކަމަށެވެ.

"ތިކުދިންނަކީ ޤުރުއާނުގެ މަތިވެރި ރަހުމަތުގެ ތެރޭގައި ދިރިއުޅުން ބައްޓަންކުރުމަށް މަގުފަހިވެފައިވާ ކުދިންތަކެއް. އެކަން ދަމަހައްޓައި އެކަމުގެ ތެރޭގައި މުޅި މުސްތަގްބަލް ބާއްޖަވެރިކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް،" މުބާރާތުގައި ބައިވެރިވި ދަރިވަރުންނާ މުޚާތަބުކުރައްވައި އަޒީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ޤުރުއާން ހަމައެކަނި ރާގަށް ކިޔެވުމުގެ ބަދަލުގައި ޤުރުއާން ތަދައްބުރުކޮށް އެފޮތުގައިވާ މާނަ ދެނެގަނެ ޤުރުއާނުގައި ވާގޮތަށް ކުދިންގެ އުޅުމާއި ގުޅުންތައް ބައްޓަންކުރެއްވިއްޖެނަމަ މުޅި މުސްތަގްބަލް ބާއްޖަވެރިވެ، ދުނިޔޭގައި ވެސް އާޚިރަތުގައި ވެސް ކާމިޔާބު ކުދިންނަށްވާނެ ކަމަށެވެ.

ޤުރުއާނާ އެކުވެރިވުމަކީ ހަމައެކަނި ދީނީ ގޮތުން ފައިދާ ލިބޭނެ ކަމެއް ނޫން ކަމަށާއި އެހެން ހުރިހާ އިލްމަކަށް ވެސް މޮޅުވުމަށް މަގުފަހިވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މިދިޔަ އަހަރުން ފެށިގެން ސަން އިން ބާއްވަމުން އަންނަ ސަން ޤުރުއާން މުބާރާތާއި މަދަހަ މުބާރާތް ފެށީ މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހު އެވެ.

އެސްޓީއޯއިން ސްޕޮންސާކޮށްގެން ބޭއްވި މިއަހަރުގެ އެ ދެ މުބާރާތުގައި 600 އަށްވުރެ ގިނަ ކުދިން ބައިވެރިވިއިރު، މިރޭގެ ރަސްމިއްޔާތުގައި ކޮންމެ އުމުރުފުރާއަކުން އެންމެ މޮޅު ތިން ދަރިވަރުންގެ އިތުރުން ކޮންމެ މުބާރާތަކުން އެންމެ މޮޅު ތިން ދަރިވަރުން ހޮވައި، އިނާމު ދީފައިވެ އެވެ.