މަޖީދީ މަގު މަރާމާތު ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އެ ސަރަހައްދުން ފަޅައިގެން ދިޔަ ނަޖިސް ހޮޅި ބައްދައި މައްސަލަ ހައްލުކޮށްފި އެވެ.

މިއަދު މެންދުރުގެ ވަގުތެއްގައި އެ ސަރަހައްދުގައި ހުރި ނަޖިސް ހޮޅިއެއް ފަޅައިގެން ގޮސް އެ ސަރަހައްދަށް ވަނީ ނަޖިސް ބޭރުވެފަ އެވެ.

ހައުސިން މިނިސްޓްރީން ބުނީ މަޖީދީ މަގު ހަދަމުން ދަނިކޮށް ފަޅައިގެން ދިޔަ އެމްޑަބްލިއުއެސްސީގެ ހޮޅި މިހާރު ވަނީ އެމްޑަބްލިއުއެސްސީ އިން މަރާމާތުކޮށްފައި ކަމަށެވެ.

ނަޖިސް ހޮޅި ފަޅައިގެން ގޮސްފައި ވަނީ މާފަންނު ސަހަރާ ސަރަހައްދުގައި ހުންނަ ލެކިއުޓް ފިހާރަ ކުރިމައްޗަށްވާ ގޮތަށެވެ. ކުރީގެ ސްޓާ ސިނަމާ ކައިރިން ފެށިގެން މާފަންނު ސަރަހަރާ އާ ހަމައަށް މަޖީދީ މަގު ބަންދުކޮށްގެން އަންނަނީ މަގު މަރާމާތު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

އެ ސަރަހައްދުގައި މަސައްކަތް ކުރަމުން ދިޔަ މީހަކު ބުނީ ހޮޅި ފެޅުނީ އެހެން ހޮޅިތަކެއް ވަޅުލަން އެކްސްކަވޭޓަރަކުން މަގު ކޮންނަނިކޮށް ކަމަށެވެ.