11 Oct 2016, 18:27
އޭޝިއަން ކަޕް ކޮލިފިކޭޝަން ޕްލޭ އޯފްގައި ލާއޯސް ހިފަހައްޓާލުމަށްފަހު ރާއްޖެއިން ކޮލިފައިން ބުރުން ޖާގަ ހޯދައިފި އެވެ.
މިއަދު ހަވީރު ލާއޯސް އާއި ރާއްޖެ ބައްދަލުކުރި އެ މެޗު ނިމިގެންދިޔައީ 1-1 ލަނޑުން އެއްވަރުވެގެންނެވެ. ރަށުން ބޭރުގައި ކުޅުނު އެ މެޗުގައި ރާއްޖޭގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ)އަށް އަނިޔާވުމާ ގުޅިގެން އޭނާ ފެނިފައެއް ނުވެ އެވެ.

އޭޝިއަން ކަޕް ކޮލިފިކޭޝަން ޕްލޭ އޯފްގެ ދެ ވަނަ ލެގުގައި ރާއްޖެ އާއި ލާއޯސް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު 1-1 ލަނޑުން އެއްވަރުވެގެން ނިމުމާއެކު، 5-1 ލަނޑުގެ އެގްރިގޭޓުން ރާއްޖެ އަށް ވަނީ ކޮލިފައިން ބުރުން ޖާގައެއް ލިބިފައި --- ފޮޓޯ: ލާއޯ ފުޓްބޯލް ފެޑެރޭޝަން
ރާއްޖެއަށް ކޮލިފައިން ބުރުން ޖާގަ ލިބިފައިވަނީ އެގްރިގޭޓުން ކުރީގައި އޮތުމުންނެވެ. ރާއްޖޭގައި ކުޅުނު ޕްލޭ އޯފްގެ ފުރަތަމަ ލެގު މެޗުގައި ލާއޯސްގެ މައްޗަށް ކުރި ހޯދާފައިވަނީ 4-0 ލަނޑުންނެވެ. އެހެންކަމުން ކޮލިފައިން ބުރުން ރާއްޖެއަށް ޖާގަ ލިބިފައިވަނީ 5-1 ލަނޑުގެ އެގްރިގޭޓުން ކުރީގައި އޮތުމުންނެވެ.
މިއަދު ކުޅުނު މެޗުގައި ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފައިވެ އެވެ. އެގޮތުން މެޗުގެ ފުރަތަމަ ހާފުގައި އެންމެ ހުސް ފުރުސަތުތަކެއް ލިބިފައިވަނީ ލާއޯސް އަށެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.
މެޗުގެ ދެ ވަނަ ހާފުގައި ވެސް ލާއޯސްއިން ރާއްޖޭގެ ގޯލަށް ނުރައްކާކޮށްފައިވެ އެވެ. އެގޮތުން މެޗުގެ 80 ވަނަ މިނެޓުގައި ލާއޯސް އިން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. ލާއޯސް އިން އެ ލަނޑު ކާމިޔާބުކޮށްފައިވަނީ އެ ޓީމުގެ ކުޅުންތެރިޔަކު އުފެއްދި ހަމަލާއެއް ރާއްޖޭގެ ކީޕަރު އިމްރާން މުހައްމަދު މަތަކުރުމާއެކު ލިބުނު ރީބައުންސް ބޯޅައަކުންނެވެ.

އޭޝިއަން ކަޕް ކޮލިފިކޭޝަން ޕްލޭ އޯފްގެ ދެ ވަނަ ލެގުގައި ރާއްޖެ އާއި ލާއޯސް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު 1-1 ލަނޑުން އެއްވަރުވެގެން ނިމުމާއެކު، 5-1 ލަނޑުގެ އެގްރިގޭޓުން ރާއްޖެ އަށް ވަނީ ކޮލިފައިން ބުރުން ޖާގައެއް ލިބިފައި --- ފޮޓޯ: ލާއޯ ފުޓްބޯލް ފެޑެރޭޝަން
މެޗުގައި ރާއްޖެއިން ވަނީ ދެ ވަނަ ހާފުގެ އިތުރު ވަގުތުކޮޅު ތެރޭގައި ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. ރާއްޖެއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އަހްމަދު ނާޝިދު (ނައްޓޭ) އެވެ. ނައްޓޭ އެ ލަނޑު ކާމިޔާބުކުރީ ކުޅެން ނުކުތްތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައެވެ.
ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގައި 2019 އަހަރު ބާއްވާ އޭޝިއަން ކަޕްގެ ކޮލިފައިން ބުރުގައި ރާއްޖެ ނުކުންނަން ޖެހޭ ޓީމުތައް ކަށަވަރުވާނީ އެ ބުރުގެ ގުރުނެގުމަށްފަހު އެވެ.