މަޖީދީ މަގު މަރާމާތު ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އެ ސަރަހައްދުގައި ހުރި ނަޖިސް ހޮޅިއެއް ފަޅައިގެން ގޮސް އެ ސަރަހައްދަށް ނަޖިސް ބޭރުވެއްޖެ އެވެ.

ނަޖިސް ހޮޅި ފަޅައިގެން ގޮސްފައި ވަނީ މާފަންނު ސަހަރާ ސަރަހައްދުގައި ހުންނަ ލެކިއުޓް ފިހާރަ ކުރިމައްޗަށްވާ ގޮތަށެވެ. ކުރީގެ ސްޓާ ސިނަމާ ކައިރިން ފެށިގެން މާފަންނު ސަރަހަރާ އާ ހަމައަށް މަޖީދީ މަގު ބަންދުކޮށްގެން އަންނަނީ މަގު މަރާމާތު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

އެ ސަރަހައްދުގައި މަސައްކަތް ކުރަމުން ދިޔަ މީހަކު ބުނީ ހޮޅި ފަޅައިގެން ދިޔައީ އެހެން ހޮޅިތަކެއް ވަޅުލަން އެކްސްކަވޭޓަރަކުން މަގު ކޮންނަނިކޮށް ކަމަށެވެ. އަދި ހޮޅި މަރާމާތުކޮށް މައްސަލަ ހައްލުކުރަން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް އޭނާ ބުންޏެވެ.

ނަޖިސް ލީކުވުމާ އެކު މުޅި ސަރަހައްދަށް ވަނީ ނުބައި ވަސް ފެތުރިފައެވެ.

ނަޖިސްހޮޅި ފަޅައިގެން ދިއުމުން ފާހާނާ ބޭނުންކުރުމުގައި ދަތިވާކަމަށް އެ ސަރަހައްދުގައި އުޅޭ މީހުން ބުނެއެވެ.