08 Jun 2011, 11:09
މި މަހުގެ އެއް ވަނަ ދުވަހާއި ދެ ވަނަ ދުވަހު ރާއްޖެ ޓީވީ އިން ގެނެސްދިން ޚަބަރުތަކުގެ ރެކޯޑިން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނަށް ހުށަހަޅަން އެ ކޮމިޝަނުން ރާއްޖެ ޓީވީއަށް އަންގައިފި އެވެ.
ރާއްޖެ ޓީވީ އިން އިއްޔެ ނެރުނު ނޫސް ބަޔާނެއްގައި ބުނަނީ ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ކަމަށް ބުނެ އެ ޓީވީ އިން އެކެއް ޖޫން އަދި ދޭއް ޖޫން ގައި ބްރޯޑްކާސްޓްކޮށްފައިވާ ޚަބަރުތަކުގެ ރެކޯޑިން ހުށަހަޅަން އަންގާފައިވާ ކަމަށެވެ. އަދި އެސްޓޭޝަނާ ބެހޭ ގޮތުން ހުށަހެޅިފައިވާ މައްސަލައަކީ ކޮބައި ކަމެއް ވެސް އޭގެ ތަފްސީލެއް ކޮމިޝަނުން ފޮނުވާފައިވާ ސިޓީގައި ބަޔާންކޮށްފައި ނުވާ ކަމަށާއި ކޮމިޝަނަށް މައްސަލަ ހުށަހެޅި ބަލަން ފެށިއިރު އެ ކޮމިޝަން ރެގިއުލޭޓް ކުރުމަށްޓަކައި ގެންގުޅޭނެ އުސޫލުތަކާއި ގަވާއިދު ރަސްމީ ސިފައެއްގައި އިޢުލާން ކޮށްފައިނުވާ ކަމަށް ވެސް ރާއްޖެޓީވީން ބުނެފައިވެ އެވެ.
ރާއްޖެ ޓީވީ އިން ބުނެފައިވަނީ ކޮމިޝަނުން ބަލަމުންދާ މައްސަލައަކީ އެ ދެ ދުވަހު ރާއްޖޭގައި އެންމެ ހޫނުކޮށް ހިނގާދިޔަ ޚަބަރު ކަމަށްވާ ކ. ތުނބަފުށީގެ މައްސަލައިގާ ޗާންޕާ މުހައްމަދު މޫސާ (އުއްޗު) 100 މިލިއަން ރުފިޔާ އިން ޖޫރިމަނާކުރި ޚަބަރުކަމަށް ވާތީ އެ ކޮމިޝަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ޚަބަރުތަކުގެ ރެކޯޑިން ހުށަހެޅުމަށް އަންގާފައިވަނީ އެ ޚަބަރުތައް ވަރަށް ތަފްސީލް ގޮތެއްގައި ރާއްޖެޓީވީން ގެނެސްދީފައިވާތީ ކަމަށް ލަފާކުރެވޭ ކަމަށް ވެސް ނޫސް ބަޔާނުގައިވެ އެވެ.
މޯލްޑިވްސް ބްރޮޑްކާސްޓިން ކޮމިޝަންގެ ރައީސް ބަދުރު ނަސީރު މިއަދު ވިދާޅުވީ ރާއްޖެ ޓީވީ އިން އެ ދެދުވަހު ބްރޯޑްކާސްޓްކޮށްފައިވާ ޚަބަރުތަކުގެ ރެކޯޑިން އެ ކޮމިޝަނަށް ހުށަހެޅުމަށް އަންގާފައިވަނީ އެ ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ކަމަށެވެ.
އޭގެ ތަފްސީލެއް ބަދުރު ނުދެއްވަ އެވެ. ވިދާޅުވީ ކޮމިޝަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ރާއްޖެ ޓީވީ އަށް އަދި އެނޫން ތަނަކަށް އެންގި ނަމަވެސް އެކަމުގެ ތަފްސީލް އެ ކޮމިޝަނުން ދޭން ނުޖެހޭނެ ކަމަށެވެ.
"ކޮމިޝަންގެ މަސައްކަތަކާ މެދު ޓީވީ ސްޓޭޝަނެއް ހިންގާ ބަޔަކު އެފަދަ ސުވާލެއް ކުރިމަތި ކުރެއްވީތީ އެކަމާ ވަރަށް ދެރަވޭ، ހުރިހާ ޓީވީ ރޭޑިއޯ ސްޓޭޝަންތަކަށް ވެސް އެނގެންޖެހޭނެ ކޮމިޝަނަށް ޤާނޫނުން ލިބިދީފައިވާ އިހްތިޔާރުތަކާ ބާރުތައް،" ބަދުރު ވިދާޅުވި އެވެ.