އެޕަލްއިން މިއަހަރު ބާޒާރަށް ނެރުނު އައިފޯން 7، ދިރާގުން އާންމުކޮށް ވިއްކަން ފަށައިފިއެވެ.

ދިރާގުން ބުނި ގޮތުގައި، މިއަދު ދިރާގުން ވަނީ އައިފޯން 7 ގެ ތިންވަނަ ސްޓޮކު ގެނެސްފައެވެ.

މި ސްޓޮކުގައި ހިމެނޭ ފޯނުތައް، މީގެ ކުރިން އައިފޯން 7 ގަތުމަށް ދިރާގުގައި ޕްރީރަޖިސްޓާ ނުކޮށް ތިބި ފަރާތްތަކަށް ވެސް ގަނެވޭނެ ކަމަށް ދިރާގުން ބުނެއެވެ.

ދިރާގުން ބުނާ ގޮތުން، ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް ދިރާގުގެ ކަސްޓަމާ ސަވިސް ސެންޓަރުތަކުން މި ފޯނު، މިއަދުން ފެށިގެން ލިބެން ހުންނާނެއެވެ.

އެގޮތުން، ދިރާގު ހެޑް އޮފީހުން ކޮންމެ ދުވަހަކު ހެނދުނު އަށަކުން ހަވީރު ހަތަރަކަށް، އަދި ރޭގަނޑު އަށަކުން 10 އަށް އައިފޯން 7 ގަތުމަށް ލިބެން ހުންނާނެ ކަމަށާއި، ރާއްޖޭގެ އަތޮޅުތެރޭގައި ހުރި ދިރާގުގެ ރީޖަނަލް ސެންޓަރުތަކުން ހެނދުނު އަށަކުން ހަވީރު ހަތަރަކަށް ލިބެން ހުންނާނެ ކަމަށް ދިރާގުން ބުނެއެވެ.

މިއަދު ދިރާގުން ވިއްކަން ފެށި އައިފޯން 7 ސްޓޮކުގެ ކުރިން ގެނައި ދެ ސްޓޮކު ވިއްކާފައިވަނީ، ފޯނު ގަތުމަށް ޕްރީރަޖިސްޓަރު ކުރި ފަރާތްތަކަށެވެ.

ދިރާގުން އައިފޯން 7 ގަންނަ ކޮންމެ ދިރާގު ޕޯސްޓްޕެއިޑް ކަސްޓަމަރަކަށް ހަ މަސް ދުވަހަށް ފަސް ޖީބީގެ ހިލޭ ޑޭޓާ ލިބޭނެއެވެ. އަދި ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް އެއް ޖީބީ ޑޭޓާއާއި ދިރާގު ނަމްބަރުތަކަށް ގުޅުމަށް ހިލޭ 300 މިނިޓު ލިބޭނެ ކަމަށް ދިރާގުން ބުނެއެވެ.

މި ފޯނު އިންސްޓޯލްމަންޓަށް ނަގަން ބޭނުންވާ ދިރާގުގެ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ދިރާގުން ވަނީޚާއްސަ ޕްލޭންތަކެއް ވެސް ތައާރަފު ކޮށްފައެވެ.