11 Oct 2016, 15:41
ދިވެހި މިއުޒިކީ ދާއިރާއަށް އިންގިލާބެއް ގެނުވި މަޝްހޫރު ބޭންޑް ޒީރޯ ޑިގްރީ އެޓޯލްސް އިން ރާއްޖޭގައި އުފެދުނު މިއުޒިކީ ލެޖެންޑް، އަހުމަދު ނާޝިދު (ފުލޫ ނާޝިދު) މި ދުނިޔެ ދޫކުރެއްވުމަކީ ރާއްޖޭގެ މިއުޒިކުގެ ދާއިރާއަށް ލިބިގެންދިޔަ ވަރަށްބޮޑު ހީނަރުކަމެއްކަން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ކެންސަރު ބައްޔާ ގިނަ ދުވަސްތަކެއް ވަންދެން ހަނގުރާމަ ކުރަމުންދިޔަ ނާޝިދު 53، ނިޔާވީ އިތުރަށް ހާލު ސީރިއަސްވެގެން އޭޑީކޭ އަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް އިއްޔެ އޭޑީކޭ ހޮސްޕިޓަލުގައެވެ.
ނާޝިދު ނިޔާވުމުން އޭނާގެ އާއިލާއަށް ތައުޒިޔާ ފޮނުއްވައި ރައީސް ވިދާޅުވީ، ރާއްޖޭގެ މިއުޒިކުގެ ދާއިރާއަށް ވަރަށްދިގު މުއްދަތެއްގައި ނާޝިދު ކޮށްދެއްވާފައިވާ ހިދުމަތްތަކަކީ ރާއްޖޭގެ ޒުވާނުންނަށް، ހާއްސަކޮށް މިއުޒިކުގެ ދާއިރާގައި ހިދުމަތް ކުރައްވަމުން ގެންދަވާ ފަރާތްތަކުން އެކަމުގެ އަގު ވަޒަންކުރައްވާ ހިދުމަތްތަކެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.
އާއްމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އެވޯޑް ސަރުކާރުން 1990 ވަނަ އަހަރު އަރުވާފައިވާ ނާޝިދު މިއުޒިކީ ދާއިރާއަށް ވަނީ މަޖީދިއްޔާ ސްކޫލުގައި ތައުލީމު ހާސިލް ކުރި ދުވަސްވަރުގައެވެ.
އޭރުން ފެށިގެން މިއުޒިކުގެ ތެރޭގައި އުޅެބޮޑުވި ނާޝިދުގެ ދިވެހިވަންތަ ރާގުގެ ލަވަތަކަކީ އަދިވެސް ދިވެހިންގެ ތެރޭގައި މަގުބޫލު ލަވަތަކެވެ. އަދިވެސް ދިވެހިންގެ ވިންދާ ކުޅެމުންދާ ރާގުތަކެކެވެ. އޭނާ އަކީ ދިވެހި މިއުޒިކީ ދާއިރާއަށް އަގުހުރި ގިނަ ހިދުމަތްތަކެއް ކޮށްދީފައިވާ އެވަރު ދެވަނައެއް ނުވާ ފަންނާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ލެޖެންޑެކެވެ.
ނާޝިދުގެ ކިޑްނީއަށް ކެންސަރު ޖެހިފައިވާކަން އެނގި ފަރުވާ ހޯދަން ފަށާފައިވަނީ މީގެ ގާތްގަނޑަކަށް ފަސް އަހަރު ކުރިންނެވެ. އަދި އޭރު އޭނާ ފަރުވާ ހޯދަމުންދިޔައީ ލަންކާއިންނެވެ. ލަންކާގައި ގިނަ އަހަރު ތަކެއް ވަންދެން ދިރިއުޅުން ބަދަލުކޮށްގެން އުޅުމަށްފަހު ނާޝިދު ރާއްޖެ ބަދަލުވީ އަހަރެއްހާ ދުވަސް ކުރިންނެވެ. ރާއްޖެ އައުމަށްފަހު ވެސް އޭނާ ގެންދިޔައީ ކެންސަރަށް ފަރުވާ ހޯދަމުންނެވެ.
ނާޝިދު އާންމުންގެ ތެރެއަށް ނުފެނި ގިނަ ދުވަސްތަކެއް ވުމަށްފަހު، އެންމެ ފަހުން ފެނިގެންދިޔައީ މިދިޔަ މަހުގެ 21 ވަނަ ދުވަހުގެ ރޭ އޭނާއަށް ހާއްސަކޮށް އޮލިމްޕަހުގައި ބޭއްވި "އަ ޓްރިބިއުޓް ޓު ނާޝިދު" ޝޯގައެވެ.