11 Oct 2016, 21:47
ރާއްޖޭގައި ހިންގަމުން އަންނަ އަމިއްލަ ކޮލެޖުތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ކޮލެޖެއް ކަމަށްވާ އެވިޑް ކޮލެޖުން 330 އަށްވުރެ ގިނަ ދަރިވަރުން ދަސްވެނިވެއްޖެ އެވެ.
ދަރުބާރުގޭގައި ރޭ ބޭއްވި އެ ކޮލެޖުގެ 2016 ވަނަ އަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި 17 ކޯހަކުން 339 ދަރިވަރުން ވަނީ ދަސްވެނިވެފަ އެވެ. ދަސްވެނިވި ދަރިވަރުންގެ ތެރެއިން ގިނައީ އެސޯސިއޭޓް ޑިގްރީ އިންނާއި މާސްޓާސް ލެވެލް އިން ދަސްވެނިވެ ސަނަދު ހާސިލްކުރި ދަރިވަރުންނެވެ.
އެގޮތުން އެސޯސިއޭޓް ޑިގްރީގެ ހަތަރު ކޯހަކުން 100 ދަރިވަރުން ރޭ ދަސްވެނިވިއިރު، މާސްޓާސް ލެވެލްގެ ދެ ކޯހަކުން 88 ދަރިވަރުންނާއި ޑިޕްލޮމާ ފެންވަރުގެ ފަސް ކޯހަކުން 61 ދަރިވަރަކު ވަނީ ރޭގެ ރަސްމިއްޔާތުގައި ދަސްވެނިވެ ސަނަދު ހާސިލްކޮށްފަ އެވެ.
އޭގެ އިތުރުން ސެޓްފިކެޓް ލެވެލް ތިނެއްގެ ދެ ކޯހަކުން 24 ދަރިވަރަކާއި ލެވެލް ހަތަރެއްގެ ދެ ކޯހަކުން 19 ދަރިވަރެއްގެ އިތުރުން ބެޗްލާސް އޮފް އާލީ ޗައިލްޑްހުޑް އެޑިއުކޭޝަން ކޯހުން ނުވަ ދަރިވަރެއް އަދި ގްރެޖުއޭޓް ޑިޕްލިމާ އިން މެނޭޖްމަންޓުން 38 ދަރިވަރަކު ވަނީ ރޭ ދަސްވެނިވެފަ އެވެ.
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކުރީގެ ޗެއާމަންކަން ކުރެއްވި ޑރ. އަބްދުﷲ ޝިހާމް ހުސެއިން ޝަރަފްވެރިކޮށްދެއްވި ރޭގެ ރަސްމިއްޔާތުގައި އެވިޑް ކޮލެޖުން އަލަށް ތައާރަފްކުރި ކުލާސް ޕާފޯމަންސް އެވޯޑް ކޮންމެ ލެވެލް އަކުން އެންމެ މޮޅު ދަރިވަރަށްދޭ ޓޮޕް އެޗީވާސް އެވޯޑް ދީފައިވެ އެވެ.
އަދި އެވިޑް ކޮލެޖުގެ ޗެއާމަންގެ ފަރާތުން ދޭ ޗެއާމަންސްގެ އެވޯޑާއި ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަށްދޭ ޗެއާމަންސް ޑައިމަންޑު އެވޯޑް ލިބުނު ދަރިވަރަށް ވަނީ އިނާމާއި އެވޯޑް ހަވާލުކޮށްފަ އެވެ.
އެވިޑް ކޮލެޖުން ވަނީ އެ ކޮލެޖުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުތަކުގައި ބޭނުންކުރާނެ ހާއްސަ ގުރުޒެއް ވެސް ރޭ ތައާރަފްކޮށްފަ އެވެ.
މީގެ އިތުރުން، ރަސްމިއްޔާތުގެ ޝަރަފްވެރި މެހްމާން ޑރ. ޝިހާމަށާއި އެވިޑް ކޮލެޖުގައި ކޯސްތައް ހިންގަމުން އަންނަ މެލޭޝިއާގެ ޔުނިޓާ އިންޓަނޭޝަނަލް ޔުނިވާސިޓީގެ ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ޑީން ޑރ. ޒައިދާ ބިންތި މުސްތަފާ އަށް ވަނީ ހަނދާނީ ސްކްރޯލް އެއް ހަވާލުކޮށްފަ އެވެ.
އެ ސްކްރޯލް އެ ބޭފުޅުންނަށް ހަދިޔާކުރެއްވީ އެވިޑް ކޮލެޖުގެ ބާނީ އަބްދުﷲ މުސްތާގު ރަޝާދު އެވެ.
ޖަމާއަތަށް ފައިދާ ކުރަނިވި ޕްރޮގްރާމްތަކެއް ހިލޭ ސާބަހަށް ހިންގުމަށްޓަކާ އެވިޑް ކޮލެޖުގެ ހީވާގި ޗެއާމަން އަބްދުﷲ މުސްތާގު ރަޝާދުގެ ބެލުމުގެ ދަށުން އެވިޑް ކޮލެޖުގެ މަސައްކަތް ފުރަތަމަ ފެށިގެން އައީ 2014 ވަނަ އަހަރު އެވިޑް މޯބައިލް ޓްރޭނިންގެ ނަމުގައެވެ.
އަދި 2005 ވަނަ އަހަރު އެ ސެންޓަރުގެ ހިދުމަތް އިތުރަށް ފުޅާކުރުމަށްފަހު އެވިޑް ޓްރޭނިންގް ސެންޓަރުގެ ނަމުގައި ރެޖިސްޓްރީކޮށް އެމްކިޔޫއޭ އިން ގަބޫލުކުރާ ފެންވަރުގެ ތަފާސް ކޯސްތަކެއް މާލެއާއި އަތޮޅުތަކުގައި ހިންގަން ފެށި އެވެ.
ޓްރޭނިން ސެންޓަރަކުން ކޮލެޖުގެ ނަމަށް އެވިޑް ކޮލެޖުގެ މަސައްކަތްތައް ފުޅާކުރީ 26 އޮގަސްޓް، 2013 ވަނަ އަހަރު އެވެ. އެގޮތުން މިހާރު އެ ކޮލެޖުގެ ދެ ކެމްޕަހެއް މާލޭގައި ހިންގަމުންދާއިރު، ރާއްޖެއަށް މުޅިން އާ ކޯސްތަކަކާއެކު ސެޓްފިކެޓް ލެވަލް އިން ފެށިގެން މާސްޓާސް ލެވެލްގެ ކޯސްތައް އެ ކޮލެޖުން ކުރިއަށްގެންދެ އެވެ.
މީގެ އިތުރުން، ސައުތުއީސްޓް އޭޝިއާގެ އިތުރުން ކޮމަންވެލްތުގެ ގައުމުތަކުގެ ތެރެއިން އެންމެ ފުރަތަމަ ފެށި ވާޗުއަލް ޔުނިވާސިޓީ ކަމަށްވާ މެލޭޝިއާގެ ޔުނިޓާ އިންޓަނޭޝަނަލް ޔުނިވާސިޓީއާއެކު މިއަހަރުގެ އޭޕްރިލް މަހު ސޮއިކޮށް، އެ ޔުނިވާސިޓީގެ ކޯސްތައް ވެސް އެވިޑުގައި ދަނީ ހިންގަމުންނެވެ.