ދިވެހިރާއްޖެއިން ބޭރުގެ މާލީ އިދާރާތަކުގެ ބަސް ނޭހުމަކީ، ކުރަން އެކަށީގެންވާ ކަމެއް ނޫން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ދެމުން އައި ކާޑުގެ ސަބްސިޑީ ކަނޑާލުމާ ގުޅިގެން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި، ފިނޭންސް މިނިސްޓަރުގެ އިތުރުން އެންސްޕާއާއި އެސްޓީއޯގެ ވެރިން މިއަދު ވަނީ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ހާޒިރު ކޮށްފައެވެ.

ސަރުކާރުން ކާޑަށް ދެމުން އައި ސަބްސިޑީ ކަނޑާލުމާ ގުޅިގެން ސަރުކާރުން ބުނަމުން އައީ، އެއީ ވޯލްޑް ބޭންކާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) ފަދަ އިދާރާތަކުން އަންގަމުން އައި އެންގުންތަކަކާ އެއްގޮތަށް ކުރި ކަމެއް ކަމަށެވެ. ސަރުކާރުން ބުނަމުން ގެންދިޔައީ، ރާއްޖޭގައި ހުރިހާ ޚިދުމަތެއް ސަބްސިޑައިޒް ކޮށްފައި އޮންނާތީ އެކަން އެގޮތަށް ނުކުރުމަށް މާލީ އިދާރާތަކުން އަންގާ ކަމަށާއި، ސަބްސިޑީ ހައްގުވާ ފަރާތްތަކަށް އެކަނި އެ ދިނުމަށް އަންގާ ކަމަށެވެ.

ކޮމިޓީގައި މިއަދު ވާހަކަ ދައްކަވަމުން، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ވޯލްޑް ބޭންކާއި އައިއެމްއެފް އަކީ ދުނިޔޭގެ ކޮންމެ އިގްތިސާދެއްގައި ވެސް ހުންނަ އެފަދަ ކަންކަން ހައްލު ކުރުމަށް ލަފާދޭ، އެންމެ އެކަށީގެންވާ ބައިނަލްއަގުވާމީ މުއައްސަސާތަކެއް ކަމަށެވެ.

މަޖިލީހުގެ ކޮމިޓީގައި އިކޮނޮމިކް މިނިސްޓަރު ސައީދު އަދި ފިނޭންސް މިނިސްޓަރު މުނައްވަރު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"އެހެންވެ އަޅުގަނޑުމެން ވެސް އިންޓަނޭޝަނަލް ސިސްޓަމް ހަމަޖެހިފައި އޮތް ގޮތުން ވޯލްޑް ބޭންކާ އައިއެމްއެފް ފަދަ މާލީ އިންސްޓިޓިއުޝަންތަކުގެ ބަސް ނޭހުމަކީ އެކަށީގެންވާ ކަމެއް ނޫން ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ،" މިނިސްޓަރު ސައީދު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ވަކި ބަޔަކަށް އަމާޒު ކުރުމުގެ ބަދަލުގައި އާންމުކޮށް އެންމެންނަށް ސަބްސިޑީ ދިނުމަކީ ވަރަށް ތަކުލީފު އުފުލަންޖެހޭ ކަމެއް ކަމަށާއި، އެކަމުގެ މިސާލު ދުނިޔޭގެ އެކި ގައުމުތަކުން ފެންނަން އެބަހުރި ކަމަށެވެ.

"ގްރީސް، އިޓަލީ، ޕޯޗުގަލް އަދި ސްޕެއިން ފަދަ، އީޔޫގެ ތެރެއިން އިގްތިސާދީ ގޮތުން ބަނގުރޫޓުވި ގައުމުތައް އެބަހުރި މީގެ ތެރޭގައި. ވެލްފެއާ ސްޓޭޓަކަށް، ނުވަތަ ސަބްސިޑީސްއަށް އިންތިހާއަށް ބަރޯސާވި ގައުމުތަކެއް ކަމަށް މާލީ އިދާރާތަކުން ބުނީ. އެފަދަ ބިޔަ ބޮޑެތި ގައުމުތަކަށް އެވަރަށް ޕަފޯމް ނުކުރެވޭނެ، ކުދި ޖަޒީރާ ގައުމުތަކުން މިފަދަ ކަންކަން ނުކޮށް، ހައްގުވާ ފަރާތްތަކަށް ސަބްސިޑީސް ދީފައި، ފަގީރުންނަށް ދޭންޖެހޭ އެއްޗެއް ފަގީރުންގެ އަތަށް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ ބުއްދިވެރި ގޮތް ކަމަށް ވެދާނެ ކަމަށް މިފަދަ އިދާރާތަކުން ފާހަގަކުރޭ،" މިނިސްޓަރު ސައީދު ވިދާޅުވިއެވެ.

އޮކްޓޫބަރު އެއްވަނަ ދުވަހުން ފެށިގެން ކާޑުގެ ސަބްސިޑީ ކަނޑާލާފައިވާ އިރު، އެ ސަބްސިޑީ މިހާރު ދެނީ ފަގީރުންގެ ގޮތުގައި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)ގައި ރަޖިސްޓަރުކުރާ ބަޔަކަށް އެކަންޏެވެ. އެ ފަރާތްތަކަށް ސަބްސިޑީއަށް ވާ ފައިސާ އެންސްޕާއިން ދެނީ، އެކައުންޓަށް ޖަމާ ކުރާ ގޮތަށެވެ. ކާޑު ސަބްސިޑީގެ ގޮތުގައި ދޭނީ ބޮލަކަށް މަހަކު 40 ރުފިޔާއެވެ.