ސަރުކާރުގެ ވިޔަފާރި ކުންފުނި، އެސްޓީއޯއިން ރާއްޖޭގައި ވިއްކާ ކާޑު ގުދަންކުރަނީ، ސަރުކާރުން އެ ކުންފުންޏަށް ވަރަށް ކުޑަ ކުއްޔަކަށް ދޫކޮށްފައިވާ ތަންތަނުގައި ކަމަށް ދެކެވޭ ވާހަކަތައް އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަރު ދޮގުކުރައްވައިފިއެވެ.

ކާޑުގެ ސަބްސިޑީ ކަނޑާލި މައްސަލައިގައި، ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް މިއަދު ވަނީ ބައެއް ބޭފުޅުން ހާޒިރުކޮށްފައެވެ. އޭގެ ތެރޭގައި ފިނޭންސް މިނިސްޓަރު އަހްމަދު މުނައްވަރު، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)ގެ ސީއީއޯ މުޖުތަބާ ޖަލީލް އަދި އެސްޓީއޯގެ ޗެއާމަން އަހްމަދު ނިޔާޒާއި މެނޭޖިންގް ޑިރެކްޓަރު އަހްމަދު ޝަހީރު ހިމެނެއެވެ.

ކޮމިޓީގައި، އައްޑޫމީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން، އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަރު އަހްމަދު ޝަހީދު ވިދާޅުވީ، އެސްޓީއޯއަކީ ސަރުކާރުގެ ވިޔަފާރި ކުންފުނި ކަމުގައި ވާތީ، އެންމެ ކުރީއްސުރެ އެސްޓީއޯއަށް ހެޔޮ އަގުގައި ގިނަ އަދަދެއްގެ ބިންތަކެއް ދީފައި އޮތް ކަމަށެވެ.

އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަރު އަހްމަދު ޝަހީރު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެހެން ނަމަވެސް، ޝަހީރު ވިދާޅުވީ 2010 ވަނަ އަހަރު އޭރުގެ ސަރުކާރުން އެސްޓީއޯއަށް ދޭން އޮތް ގިނަ އަދަދެއްގެ ފައިސާ ދެއްކުމުގެ ބަދަލުގައި އެސްޓީއޯއަށް ފަސް ބިމެއް ދިން ކަމަށެވެ.

"އަޅުގަނޑުމެން ވިޔަފާރި ކުރަމުންދާ ފަސް ބިމެއް އެސްޓީއޯއިން ވާނީ ގަނެފައި. ކާޑު ބެހެއްޓުމަށް، 40،000 ފޫޓުގެ ބޮޑު ބިމެއް ވެއާހައުސްއަކަށް ބޭނުންކުރަނީ. އެއީ އެސްޓީއޯއިން ގަނެފައި ހުރި ތަނެއް. ސަރުކާރަށް އެއްވެސް އެއްޗެއް ދައްކަން ނުޖެހޭ،" ޝަހީރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެސްޓީއޯއިން އެ ބިންތައް ގަތީ، އޭރުގެ މާކެޓު ރޭޓަށް ވުރެ ބޮޑު އަގެއްގައި ކަމަށެވެ.

"ފަސް ބިން ގަތީ ބޮޑު އަގުގައި. އެއީ އެސްޓީއޯޢަށް ދައްކަންޖެހޭ ޕޭމެންޓުތަކެއްގެ ބަދަލުގައި ސްވޮޕް ކުރި އެއްޗެއް. އޭރު އޮތް ސަރުކާރުން ދޭން އޮތް ފައިސާތަކެއް ދިނުމުގެ ބަދަލުގައި ބިންތަކެއް ސްވޮޕް ކުރީ،" ޝަހީރު ވިދާޅުވިއެވެ.

މީގެ އިތުރުން ޝަހީރު ވިދާޅުވީ، އެސްޓީއޯއިން ކާޑު ގެންނަނީ އޯޕަން ޓެންޑާއެއްގެ ދަށުން، އެއް އަހަރު ދުވަހުގެ މުއްދަތަކަށް ކަމަށެވެ. އަދި އާންމުކޮށް އެސްޓީއޯއަށް ކާޑު ސަޕްލައިކޮށްދޭ ފަސް ކުންފުންޏެއް އުޅޭނެ ކަމަށެވެ. އޭގެ ތެރޭގައި އިންޑިއާގެ ކުންފުނިތަކާއި، ދުބާއީ، ތުރުކީ އަދި ސްރީލަންކާގެ ކުންފުނިތައް ހިމެނޭ ކަމަށް ޝަހީރު ވިދާޅުވިއެވެ.

"އެސްޓީއޯއިން ވަރަށް ކޮމްޕެޓިޓިވް އަގުތަކެއްގައި، އޯޕަން ޓެންޑާއަކުން ކާޑު ގެންނަނީ. ހުރިހާ އެއްޗެއް ވެސް ބިޑިންގް ޕްރޮސެސްގެ ދަށުން ގެންނަނީ،" ޝަހީރު ވިދާޅުވިއެވެ.

ސަރުކާރުން ވަނީ އެސްޓީއޯ މެދުވެރިކޮށް ކާޑުގެ އަގުތައް ކޮންޓްރޯލް ކޮށްފައެވެ. މީގެ ކުރީއްސުރެ ކާޑަށް ސަބްސިޑީ ދީ، އަގުތައް ކޮންޓްރޯލު ކޮށްފައި ހުރި ނަމަވެސް، މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ސަރުކާރުން ވަނީ ކާޑުގެ ސަބްސިޑީ ކަނޑާލައިފައެވެ. އޭގެ ބަދަލުގައި، ސަބްސިޑީ ހައްގުވާ ފަރާތްތަކަށް ސަރުކާރުން ސަބްސިޑީ ދިނުމަށް ނިންމާފައި ވަނީ، އެއަށް ވާ ފައިސާ އެފަރާތެއްގެ އެކައުންޓަށް، އެންސްޕާ މެދުވެރިކޮށް ޖަމާ ކުރުމަށެވެ.