11 Oct 2016, 13:59
މޯލްޑިވްސް ޕޯޓްސް ލިމިޓެޑު (އެމްޕީއެލް)ގެ ތެޔޮ ސަޕްލައިކުރުމަށް މެރީޑިއަމް ސާވިސް ޕްރައިވެޓް ލިމިޓެޑަށް ނޫން އެހެން ބަޔަކަށް ނުދިނުމަށް އަންގައި ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރެފި އެވެ.
މެރީޑިއަމްގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ ޕޯޓްސް ލިމިޓެޑުން އެކުންފުންޏާ އެކު ވެފައިވާ އެއްބަސް ވުމާ ހިލާފަށް އެހެން ފަރާތަކަށް ތެޔޮ ސަޕްލައި ކުރުމަށް ދޭތީ އެއްބަސްވުމާ ހިލާފުވިކަން ކަނޑައަޅައި ދިނުމަށް އެދި އެވެ.
އަދި ހުށަހެޅިފައިވާ މައްސަލާގައި ޝަރީއަތުން ވަކިގޮތެއް ނިމެންދެން މެރީޑިއަމް ނޫން ތިން ވަނަ ފަރާތަކަށް ތެޔޮ ސަޕްލައި ކުރަން ހަވާލު ނުކުރެވޭނެ ކަމަށް އަންގައި ވަގުތީ އަމުރެއް ނެރެދިނުމަށްވެސް އެކުންފުނިން ވަނީ އެދިފައެވެ.
އެމައްސަލާގައި މިއަދު ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރުގައި ބުނެފައި ވަނީ މެރީޑިއަމް ސާވިސް އާއި ޕޯޓްސް ލިމިޓެޑާއި އެކު 17 އޭޕްރީލް 2016ގައި އެއްބަސްވުމެއް ހަދާފައިވާ ކަމަށެވެ. އަދި އޭގައި ޕޯޓްސް ލިމިޓެޑްގެ ސައިޓްތަކުގައި ބޭނުންކުރާ ވެހިކަލް އަދި ވެސެލްސްތަކަށް ބޭނުންވާ ޑީސަލް ސަޕްލައިކޮށް ދިނުމާ ގުޅޭ ގޮތުން އެއްބަސްވެފައިވާކަން އެނގެން އޮންނަ ކަމަށް ސިވިލް ކޯޓުގެ އަމުރުގައިވެއެވެ.
އެހެންކަމުން މެރީޑިއަމުން ހުށަހެޅި އެމައްސަލާގައި ގާނޫނީ ގޮތުން ހިމާޔަތް ލިބެންޖެހޭ މަޢުލޫއީ ހައްގެއް ނުވަތަ މަރުކަޒެއް ފާޅުކަން ބޮޑުގޮތެއްގައި ފެންނަން އޮތްކަމަށް ޝަރީއަތަށް ގަބޫލުކުރެވޭ ކަމަށް އަމުރުގައި ބުނެފައިވެ އެވެ.
ޕޯޓްސް ލިމިޓެޑުން މެރީޑިއަމް ނޫން ތިންވަނަ ފަރާތަކަށް ތެޔޮ ސަޕްލައި ކޮށްދެމުންދާނަމަ މެރީޑިއަމަށް ފޫނުބެއްދޭވަރުގެ ގެއްލުމެއް ލިބޭނެ ކަމަށް އެކުންފުނިން ހުށަހަޅާފައިވާ މައްސަލާގައި ބަޔާންކޮށްފައިވާ ކަަމަށްވެސް އަމުރުގައިވެ އެވެ.
އެހެންކަމުން ޝަރީއަތުން ވަކިގޮތެއް އަންގެންދެން ޕޯޓްސްގެ ތެޔޮ ސަޕްލައިކުރަން ހަމައެކަނި މެރީޑިއަމަށް ދޭން ކޯޓުން ވަނީ އަންގާފައެވެ.