ވޭތުވެދިޔަ ތިން އަހަރު ފުވައްމުލައް ސިޓީގައި ކުޅުވަރުގެ އިންފްރާސްޓްރަކްޗަރ ގާއިމްކުރުމަށް 20 މިލިއަން ރުފިޔާ ހަރަދުކުރެވިފައިވާ ކަމަށް ޒުވާނުންނާއި ކުޅިވަރާ ބެހޭ މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.

ހަތަރު އަހަރު ދުވަހުގެ މެދު ކެނޑުމަކަށްފަހު މިއަހަރު ފުވައްމުލައް ސިޓީގައި ކުރިއަށް ގެންދިޔަ ސްޕޯޓްސް ފޯ އޯލް ޕްރޮގްރާމް ހުޅުވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން އިރުތިޝާމް ވިދާޅުވީ، އެ ފައީސާގެ ބޮޑުބައެއް ޚަރަދު ކުރެވިފައިވާނީ ކުޅިވަރު ކުޅޭނެ ތަންތަނާއި އެތަންތަން މަރާމާތު ކުރުމަށް ކަމަށެވެ.

"މިއަހަރުގެ މިހާތަނަށް ފުވައްމުލަކުގައި ވާނީ ފުޓްސަލް ދަނޑުތަކާއި، ބަށިކޯޓާއި، ނެޓްބޯޅަ ކޯޓުތަކާއި، ފުޓުބޯޅަދަނޑުތައް އަދި ޒުވާނުންގެ މަރުކަޒު ފަދަ، ކުޅިވަރާއި ޒުވާނުންގެ ތަރައްޤީއަށް މަންފާ ލިބިދަނިވި ވަސީލަތްތައް ގާއިމްކޮށް މަރާމާތުކުރުމަށް 20 މިލިއަން ރުފިޔާ ހަރަދުކޮށްފަ،" އިރުތިޝާމް ވިދާޅުވިއެވެ.

ސްޕޯޓްސް ފޯ އޯލް ޕްރޮގްރާމްގެ ބައިވެރިންނާއި އެކު ޔޫތު މިނިސްޓަރު އިރުތިޝާމް --- ފޮޓޯ: ޔޫތު މިނިސްޓްރީ

އިރުތިޝާމް ވިދާޅުވީ، ވޭތުވެދިޔަ ތިން އަަހަރަށް ވުރެ ބޮޑު އަދަދެއް އަންނަ އަހަރު އެކަނި ވެސް ފުވައްމުލައް ސިޓީގެ ކުޅިވަރު ކުރިއެރުވުމަށް ހަރަދު ކުރަން ބަޖެޓްގައި ހިމެނުމަށް ވިސްނަމުންދާ ކަމަށެވެ.

" އަންނަ އަހަރުގެ ބަޖެޓުގައި މިދާއިރާއިން (ކުޅިވަރު ކުރިއެރުވުމަށް) އިތުރު 26 މިލިއަނަށްވުރެ ގިނަ ރުފިޔާގެ އަގުހުރި ޕްރޮޖެކްޓްތައް ފުވައްމުލަކުގައި ކުރިއަށްގެންދިއުމަށް ރޭވިފައިވާނީ،" އިރުތިޝާމް ވިދާޅުވިއެވެ.

އިރުތިޝާމް ވިދާޅުވީ، މިއަހަރުގެ މިހާތަނަށް ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކަށް 37 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދު ކުރެވިފައިވާ ކަމަށާއި އަދި ކްލަބް، ޖަމިއްޔާ އާއި ކައުންސިލްތަކަށް ކުޅިވަރުގެ ހަރަކާތްތައް ހިންގުމަށް 1.4 މިލިއަން ރުފިޔާ ވެސް ޚަރަދުކުރެވިފައިވާނެ ކަމަށެވެ.

"ދުޅަހެޔޮ ދިރިއުޅުމަކަށް ކުޅިވަރު" މި ޝިއާރުގެ ދަށުން ދުޅަހެޔޮ ސިއްޚަތެއްގައި ތިބުމަށް އަހުލުވެރިކުރުމުގެ ގޮތުން ހުރިހާ އުމުރުފުރާތަކަކަށް ވެސް އަމާޒުކޮށްގެން ހިންގި ކުޅިވަރާއި ކަސްރަތުގެ ފެސްޓިވަލް ވަނީ ކާމިޔާބުކަމާ އެކު މިދިޔަ ހަފްތާ ބަންދުގައި ފުވައްމުލަކުގައި ކުރިއަށް ގެންގޮސް ނިންމާލާފައެވެ.