11 Oct 2016, 13:41
ސިންގަޕޫރު(އޮކްޓޯބަރު 11): މެލޭޝިއާގެ އިންވެސްޓްމެންޓު ފަންޑު ވަން މެލޭޝިއަން ޑިވެލޮޕްމެންޓް ބަރުހާދު (ވަންއެމްޑީބީ)ގެ މަނީ ލޯންޑުރިންގެ މައްސަލައާ ގުޅުން ހުރި ބޭންކެއް ބަންދު ކުރުމަށް ސިންގަޕޫރުގެ މަނިޓަރީ އޮތޯރިޓީ (އެމްއޭއެސް)އިން އަންގައިފި އެވެ.
ސުވިޒަލޭންޑުގެ ފެލްކަން ބޭންކު ބަންދު ކުރަން އެމްއޭއެސްއިން އެންގީ އެބޭންކުން ސިންގަޕޫރުގެ މަނީ ލޯންޑްރިން ގަވާއިދުތަކާ ހިލާފުވެފައި ވާތީ ކަމަށް އެއޮތޯރިޓީން ބުންޏެވެ.
އެމްއޭއެސް އިން ވަނީ ހަމަ އެފަދަ ސަބަބުތަކަށްޓަކައި ޑިވެލޮޕްމެންޓް ބޭންކް އޮފް ސިންގަޕޫރު (ޑީބީއެސް) އާއި ސިންގަޕޫރުގައި ހުންނަ ޔޫނިއަން ބޭންކް އޮފް ސުވިޒަލޭންޑު (ޔޫބީއެސް) ޖޫރިމަނާކޮށްފައެވެ.
"ޑީބީއެސް އާއި ޔޫބީއެސްގައި ގަވާއިދާ ހިލާފަށް ކަންތައް ހިނގާފައި ވަނީ ބައެއް ބޭންކް އޮފިސަރުން އެމީހުންގެ މަސައްކަތް ފުރިހަމައަށް އަދާ ނުކުރުމުން،" އެމްއޭއެސްއިން ބުންޏެވެ.
ދިހަ ގަވާއިދަކާ ހިލާފުވުމުގެ ސަބަބުން ޑީބީއެސް ގާތްގަނޑަކަށް 730،000 ޑޮލަރުން ޖޫރިމަނާކޮށްފައިވާ އިރު 13 ގަވާއިދަކާ ހިލާފުވުމުން ޔޫބީއެސް ވަނީ ގާތްގަނޑަކަށް 943،000 ޑޮލަރުން ޖޫރިމަނާކޮށްފައެވެ.
މީގެ ކުރިން މިދިޔަ މޭމަހު ވެސް އެމްއޭއެސް އިން ވަނީ މަނީ ލޯންޑްރިންގެ ގަވާއިދުތަކާ ހިލާފުވި ސުވިސް ބޭންކެއް ކަމަށްވާ ބީއެސްއައި ބަންދު ކުރުމަށް އަމުރުކޮށްފައެވެ. އެއީ 32 އަހަރު ތެރޭގައި އެ އޮތޯރިޓީން ބޭންކެއް ބަންދު ކުރި ފުރަތަމަ ފަހަރެވެ.
މެލޭޝިއާގެ ދައުލަތުގެ ފަންޑެއް ކަމަށްވާ ވަންއެމްޑީބީން، ބޮޑުވަޒީރު ނަޖީބު ރައްޒާގުގެ އެކައުންޓަށް 700 މިލިއަން ޑޮލަރާ ގާތްކުރާވަރުގެ ފައިސާ ޖަމާ ކުރި ކަމަށް ބުނާ މައްސަލައެއް ފެންމަތިވުމާ ގުޅިގެން އެފަންޑާ ގުޅުން ހުރި ހަރަކާތްތައް ސިންގަޕޫރުން ވަނީ މިދިޔަ އަހަރު ތަހުގީގު ކުރަން ފަށާފައެވެ.
ވަންއެމްޑީބީގެ މައްސަލައާ ގުޅިގެން ބޮޑުވަޒީރު ނަޖީބު ރައްޒާގު ވަނީ އެނާގެ މައްޗަށް ކޮށްފައިވާ ކޮރަޕްޝަނުގެ ތުހުމަތުތައް ދޮގު ކުރައްވާފައެވެ. އަދި މައްސަލަ ބެލި މެލޭޝިއާގެ އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަނީ ބޮޑުވަޒީރުގެ އެކައުންޓަށް ފައިސާ ޖަމާކޮށްފައި ވަނީ ވަންއެމްޑީބީން ނޫން ކަމަށާއި އެފައިސާ ޖަމާކޮށްފައި ވަނީ ނަން ހާމަކުރަން ބޭނުންނުވާ މެދުއިރުމަތީގެ ފަރާތަކުން ކަމަށް ބުނެފައެވެ. (ގާޑިއަން)