11 Oct 2016, 13:29
ގޭތެރޭން އެކި ގޮތްގޮތުން އަންހެންކުދިންނަށް ލިބޭ އަނިޔާއަކީ އާއިލީ މައްސަލައެއް ނޫން ކަމަށާއި އެފަދަ މައްސަލަތައް ރިޕޯޓު ކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އިން އިލްތިމާސްކޮށްފި އެވެ.
މިއަދު ފާހަގަކުރަމުންދާ ބައިނަލްއަގްވާމީ އަންހެން ކުދިންގެ ދުވަހުގައި އެޗއާރުސީއެމުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ 2016 ވަނަ އަހަރު ހިއުމަން ރައިޓްސް ކޮމިޝަނަށް ހުށަހަޅާފައިވާ އަންހެން ކުދިންނާ ގުޅުން ހުރި މައްސަލަތަކަށް ބަލާއިރު، އަންހެން ކުދިންނަށް ކުރާ ތަފާތު ބާވަތްތަކުގެ އަނިޔާއާއި، އިހުމާލުގެ މައްސަލަތައް ފާހަގަކުރެވިފައިވާ ކަމަށެވެ.
ނަމަވެސް އެ ކޮމިޝަނަށް 2016 ވަނަ ހުށަހެޅުނީ އަންހެން ކުދިންނާ ގުޅުން ހުރި ކިތައް މައްސަލަކަމެއް ބަޔާނުގައި ހާމަކޮށްފައެއް ނުވެ އެވެ.
އަންހެން ކުދިންގެ އިހުމާލުގެ މައްސަލަތަކާއި ހަޟާނަތާއި ތަޢްލީމާ ގުޅުންހުރި މައްސަލަތައްވެސް އެޗްއާރުސީއެމަށް ހުށަހަޅާފައިވާ ކަމަށްވެސް ބަޔާނުގައި ވަނީ ބުނެފައެވެ.
" ފާހަގަކުރެވިފައިވާ ގޮތުގައި، މިފަދަ ގިނަ މައްސަލަތަކަކީ ޢާއިލާގެ ތެރެއިން ނުވަތަ ޢާއިލީ ގޮތުން ގުޅުންހުރި މީހުންގެ ފަރާތުން އެކުދިންނަށް ދިމާވާ ކަންކަން. އެހެންނަމަވެސް، މިފަދަ ނޭދެވޭ ޢަމަލުތަކަކީ 'ޢާއިލީ' މައްސަލަތައް ކަމުގައި ދެކި ބައެއް ކުދިންނާއި އެކުދިންގެ މައިންބަފައިން އަދި ޢާއިލާތަކުންވެސް މިކަންކަން ސިއްރުކޮށް، އެކަންކަން ރިޕޯޓު ކުރުމަށް ފަސްޖެހޭކަންވެސް ކަމާބެހޭ މުއައްސަސާތަކުން ފާހަގަކުރެވޭ" އެޗްއާރުސީއެމްގެ ބަޔާނުގައި ވަނީ ބުނެފައެވެ.
އަންހެން ކުދިންގެ ޙާލަތު މިހާރަށްވުރެ ރަނގަޅު ކުރުމަށްޓަކައި، އެކުދިންނަށް ދިމާވާ އަނިޔާއާއި އިހުމާލުގެ މައްސަލަތައް ރިޕޯޓުކުރުމަށް ބާރުއެޅުމުގެ ގޮތުން މުއައްސަސާތަކުން ކުރާ މަސައްކަތް އިތުރުކުރުމަށް އެޗްއާރުސީއެމުން ވަނީ އިލްތިމާސްކޮށްފައެވެ.
އޭގެއިތުރުން އަނިޔާ ލިބޭ އަންހެން ކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، އެ ކުދިންނަށް ދައުލަތުން ފޯރުކޮށްދޭންޖެހޭ ރައްކާތެރިކަން ކަށަވަރު ކުރުމަށްވެސް އެޗްއާރުސީއެމުން އިލްތިމާސް ކުރެ އެވެ.
މި އަހަރުގެ އަންހެން ކުދިންގެ ދުވަހުގެ ޝިޢާރަކީ "ގަރލްސް ޕްރޮގްރެސް – ގޯލްސް ޕްރޮގްރެސް: އަ ގްލޯބަލް ޑޭޓާ މޫވްމަންޓް" އެވެ. މި ޝިޢާރުގެ އަމާޒަކީ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް 2030 ވަނަ އަހަރާ ހަމައަށް ހާސިލްކުރުމުގައި އަންހެން ކުދިންނަށް ހުރި ގޮންޖެހުންތައް ތަފްޞީލީގޮތަކަށް ދެނެގަނެ، މޮނިޓަރ ކުރެވޭނެ ގޮތަކަށް އަންހެންކުދިންނާ ގުޅުން ހުރި ތަފާސްހިސާބު އެއްކުރުމެވެ.