ރާއްޖެއަށް ހެޔޮއަގުގައި ކޮލިޓީ ބޭސް ފޯރުކޮށްދިނުމަށް ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ) އިން ސްރީލަންކާގެ ކުންފުންޏެއް ކަމަށްވާ ހެމާސް ފާމަސޫޓިކަލްސް އާ އެކު އެއްބަސްވުމެއްގައި ސޮއި ކޮށްފި އެވެ.

އެސްޓީއޯގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެކަމުގެ އެއްބަސްވުމުގައި ހެމާސްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޑިރެކްޓާ އޮފް ފައިނޭންސް އޭކޭ ނިސަންކާ އެވެ. އެސްޓީއޯގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޗީފް ފައިނޭންޝިއަލް އޮފިސަރު މުހައްމަދު މިހާދެވެ.

ރާއްޖެއަށް ހެޔޮއަގުގައި ކޮލިޓީ ބޭސް ފޯރުކޮށްދިނުމަށް ލަންކާގެ ހޭމާސް ކުންފުންޏާއެކު އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިހާދު ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ/ އިޙްތިޝާމް މުހައްމަދު

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިހާދު ވިދާޅުުވީ، ހެމާސް ފަދަ ކުންފުންޏަކާ ގުޅެން ޖެހުނީ ރާއްޖޭގެ މާކެޓަކީ އެހެން ގައުމުތަކާ އަޅައިބަލާއިރު ކުޑަ މާކެޓަކަށްވުމުން ބޭސް އުފައްދާ ބޮޑެތި ކުންފުނިތަކަކާ ޑައިރެކްޓުކޮށް ޑީލް ކުރުމަކީ އުނދަގޫ ކަމަކަށް ވާތީ ކަމަށެވެ.

"އެންމެ ބޮޑަށް ދިމާވާ މައްސަލައަކީ އެބޭފުޅުން މެނުފެކްޗާ ކުރުމަށްޓަކައި އެބަ ބޭނުންވޭ މިނިމަމް އޯޑާ ކޮމިޓްމެންޓެއް އަޅުގަނޑުމެންދޭން. އެހެން ނަމަވެސް ރާއްޖޭގެ މާކެޓް މިއޮންނަ ގޮތުން އެބޭފުޅުންގެ ކޮންޑިޝަންސްތައް ސެޓިސްފައި ކުރުމަކީ އަޅުގަނޑުމެންނަށް އެހާ ފަސޭހަ ކަމެއް ނޫން،" މިހާދު ވިދާޅުވި އެވެ.

މިހާދު ވިދާޅުވީ، އެ އެއްބަސްވުމުގެ ދަށުން ރާއްޖެއިން މިހާރު ލިބޭ ބޭހަށްވުރެ ކޮލިޓީ ބޭސް އަގުހެޔޮކޮށް ލިބުމަށް މަގުފަހި ވެގެންދާނެ ކަމަށެވެ. އަދި ވަރަށް ކައިރި މުސްތަގުބަލެއްގައި އެ ބޭސްތައް ރާއްޖޭގެ މާކެޓަށް ތައާރަފް ކުރާނެކަމަށް އޭނާ ވިދާޅުވި އެވެ.