11 Oct 2016, 12:33
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް މިއަހަރުގެ ނުވަ މަސް ތެރޭގައި ދައުލަތަށް އެގާރަ ބިލިއަން ހަތަރު ސަތޭކަ ނުވަ ދިހަ މިލިއަން ރުފިޔާ ލިބިއްޖެއެވެ.
މީރާއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ މަހުގެ ނިޔަލަށް ދައުލަތަށް 11.49 ބިިލިއަން ރުފިޔާ މިއަހަރު ލިބިފައިވާއިރު މިދިޔަ އަހަރު އެމުއްދަތުގައި ލިބިފައިވަނީ 10.53 ބިލިއަން ރުފިޔާއެވެ. އެހެންކަމުން ލިބުނު އާމްދަނީ ވަނީ އަށްސަތޭކަ ފަންސާސް ހަ މިލިއަން ރުފިޔާ އިތުރުވެފައެވެ.
މިމަހުން ފެށިގެން ގެސްޓް ހައުސްތަކުން ގްރީން ޓެކްސް ނެގުމާއި ބިދޭސީން ބޭރަށް ފޮނުވާ ފައިސާއިން ރެމިޓެންސް ފީ ނަގަން ފެށުމަކީ ކުރިއަށްއޮތްތަނުގައި އާމްދަނީ އިތުރުވާނެ ކަންކަމެވެ.
މިދިޔަ މަހު އެކަނި ލިބުނު އާމްދަނީއަށް ބަލާއިރު ލިބުނު 1.11 ބިލިއަން ރުފިޔާއަކީ މިދިޔަ އަހަރުގެ އެމުއްދަތަށްވުރެ 24.5 ޕަސެންޓް އިތުރު އަދަދެކެވެ.