11 Oct 2016, 12:46
ގައުމީ ޔުނިވާސިޓީން އަންނަ އަހަރުގެ ޖަނަވަރީގައި ފަށާ އެ ޔުނިވާސިޓީގެ ފުރަތަމަ ސެމިސްޓާގައި ކިޔެވުމަށް 5400 އަށްވުރެ ގިނަ ފުރުސަތު ހުޅުވާލައިފި އެވެ.
އަންނަ އަހަރުގެ ފުރަތަމަ ސެމިސްޓާގައި ފަށާ ކޯސްތައް އިއުލާންކުރުމަށް މިއަދު ޔުނިވާސިޓީގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ޔުނިވާސިޓީގެ ރެޖިސްޓަރާ ޑރ. ސައުދުﷲ އަލީ ވިދާޅުވީ، އަންނަ އަހަރުގެ ފުރަތަމަ ސެމިސްޓާއަށް ފައުންޑޭޝަނުން ފެށިގެން މާސްޓާސް ފެންވަރުގެ 96 ކޯހަކުން 5480 ޖާގަ ހުޅުވާލާފައިވާ ކަމަށެވެ.
އެގޮތުން އެންމެ ގިނަ އަދަދަކަށް ފުރުސަތު ހުޅުވާލާފައިވަނީ ބެޗެލާސް ޑިގްރީ އިންނެވެ. އެ ފެންވަރުގެ 31 އެއް ކޯހެއް އަންނަ ޖަނަވަރީގައި ފަށަން ނިންމާފައިވާއިރު 1560 ފުރުސަތު ވަނީ ހުޅުވާލާފައެވެ.
ދެން އެންމެ ގިނައިން ފުރުސަތު ހުޅުވާލާފައިވަނީ ޑިޕްލޮމާ އަދި އެޑްވާންސް ސެޓްފިކެޓް ލެވެލް އިންނެވެ. ޑިޕްލޮމާ ފެންވަރުގެ 14 ކޯހަކުން 989 ޖާގައެއް ހުޅުވާލާފައިވާއިރު، އެޑްވާންސް ސެޓްފިކެޓް ލެވެލް އިން 837 ޖާގަ ވަނީ ހުޅުވާލާފައެވެ. އެއީ 16 ކޯހަކުންނެވެ.
އަދި މާސްޓާސް ޑިގްރީގެ 11 ކޯހަކުން 426 ޖާގައެއް ވެސް ވަނީ އަންނަ އަހަރުގެ ފުރަތަމަ ސެމިސްޓާއަށް ހުޅުވާލާފައެވެ.

އަންނަ އަހަރުގެ ފުރަތަމަ ސެމިސްޓާގައި ފަށާ ކޯސްތައް އިއުލާންކުރުމަށް މިއަދު ޔުނިވާސިޓީގައި ބޭއްވި ޕްރެސް ކޮންފަރެންސުގައި ޔުނިވާސިޓީގެ ރެޖިސްޓަރާ ޑރ. ސައުދުﷲ އަލީ (ވ) އަދި ޔުނިވާަސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރު އައިޝަތު ޝާހީން --- ސަން ފޮޓޯ/ ފަޔާޒު މޫސާ
ޑރ. ސައުދުﷲ ވިދާޅުވީ، އަންނަ އަހަރުގެ ފުރަތަމަ ސެމިސްޓާގެ ކޯސްތައް މާލޭގެ އިތުރުން އަތޮޅުތެރޭގައި ގާއިމްކޮށްފައިވާ އެ ޔުނިވާސިޓީގެ ހަތަރު ކެމްޕަހުންނާއި އައުޓްރީޗް ސެންޓަރުތަކުގައި ވެސް ކުރިއަށްގެންދާނެ ކަމަށެވެ.
އެގޮތުން މާލެއިން އެކަނިވެސް 3095 ފުރުސަތެއް ހުޅުވާލާފައިވާއިރު، ހދ. ކެމްޕަހުން 565 ފުރުސަތެއް އަދި ލ. ކެމްޕަހުން 265 ފުރުސަތެއް ވަނީ ހުޅުވާލާފައެވެ. މީގެ އިތުރުން ގދ. ކެމްޕަހުން 415 ފުރުސަތަކާއި ސ. ކެމްޕަހުން 661 ފުރުސަތެއް ހުޅުވާލާފައިވާއިރު، އައުޓްރީޗް ސެންޓަރުތަކުން 385 ފުރުސަތެއް ވަނީ ހުޅުވާލާފަ އެވެ.
ޔުނިވާސިޓީގެ ވަކިވަކި ފެކަލްޓީތަކަށް ބަލާއިރު، އެންމެ ގިނަ ފުރުސަތު ހުޅުވާލާފައިވަނީ ސެންޓާ ފޯ އޯޕަން ލާނިން އިންނެވެ. އެ ފެކަލްޓީން 1030 ފުރުސަތެއް ވަނީ ހުޅުވާލާފައެވެ.
އޭގެ އިތުރުން ބިޒްނަސް ސްކޫލުން 720 ފުރުސަތަކާއި ފެކަލްޓީ އޮފް އެޑިއުކޭޝަނުން 655 ފުރުސަތެއް ހުޅުވާލާފައިވާއިރު، ފައުންޑޭޝަން ސްޓަޑީސް އިން ވަނީ 650 ފުރުސަތެއް އަންނަ އަހަރުގެ ޖަނަވަރީ އަށް ހުޅުވާލާފައެވެ.
ރެޖިސްޓަރާ ޑރ. ސައުދުﷲ ވިދާޅުވީ، އަންނަ އަހަރުގެ ފުރަތަމަ ސެމިސްޓާގައި މުޅިން އަލަށް އެއްވެސް ކޯހެއް ފަށަން އަދި ނިންމާފައިނުވާ ކަމަށެވެ. ނަމަވެސް މުޅިން އަލަށް ސައިންސްގެ ދާއިރާއިން ޑިގްރީ ކޯހަކާއި އިސްލާމިކް އެޑިއުކޭޝަންގެ ދާއިރާއިން މާސްޓާސް ލެވެލްގެ ކޯހެއް ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ކޯހަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 23 ވަނަ ދުވަހު ހުޅުވާލާނެ ކަމަށެވެ. އަދި އެކަމަށް އެދޭ ފޯމް ޔުނިވާސިޓީންނާއި އެ ޔުނިވާސިޓީގެ ވެބްސައިޓުން ވެސް ލިބެން ހުންނާނެ ކަމަށެވެ.
ޔުނިވާސިޓީގެ ކޯސްތަކަށް އަބަދުވެސް ފުރުސަތު ދެމުން އަންނަނީ ފުރަތަމަ ކުރިމަތިލާ ކުއްޖަކަށް އިސްކަންދޭ އުސޫލުންނެވެ. އެގޮތުން އަންނަ ޖަނަވަރީ މަހު ފަށާ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ޑިސެމްބަރު މަހުގެ 29ގެ ނިޔަލަށް ހުޅުވާލާފައިވާއިރު، ކޯސްތަކަށް ވީ އެންމެ އަވަހަކަށް ކުރިމަތިލުމަށް ޔުނިވާސިޓީން އެދެ އެވެ.