ކުޅުން ދައްވުމުގެ ސަބަބުން އިނގިރޭސި ގައުމީ ޓީމަށާއި މެންޗެސްޓާ ޔުނައިޓެޑްގެ ކެޕްޓަން ވޭން ރޫނީއަށް މި ވަނީ ޓީމްގެ ފުރަތަމަ އެގާރި އިން ޖާގަގެއްލި އުނދަގޫ ތަޖްރިބާތަކެއް ކުރަން ޖެހިފައެވެ.

އެންމެ ފަހުން ޔުނައިޓެޑް ކުޅުނު ތިން މެޗުގައި ވެސް ފުރަތަމަ އެގާރައިން ޖާގަ ގެއްލުން ރޫނީއަށް މިވަނީ ވޯލްޑަޕް ކޮލިފައިންގައި މިރޭ އިނގިރޭސިން ސްލޮވޭނިއާއާ ދެކޮޅަށް ކުޅޭ މެޗުގައި ވެސް ބެންޗުގައި އިންނަން ޖެހިފައެވެ.

"އަހަރެންނަށް ވަރަށް ރަނގަޅަށް އަންޑަސްޓޭންޑްވޭ މި ހާލަތު. މިއީ ފުޓްބޯޅައިގެ ކޮންމެ ކުޅުންތެރިއެއް ވެސް ތަޖްރިބާކުރަން ޖެހޭނެ ހާލަތެއް. އަބަދު އެއް ފެންވަރެއްގަ ނުކުޅެވޭނެ. މިކަމާ ކުރިމަތިލާން އަހަރެން މިހުރީ ތައްޔާރަށް،" ރޫނީ ބުންޏެވެ.

ރޫނީ ބުނީ މި ދުވަސްކޮޅަކީ އޭނާގެ ފުޓްބޯޅަ ކެރިއަރުގައި ދިމާވީ އެންމެ އުނދަގޫ ދުވަސްވަރުގެ ތެރެއިން ދުވަސްތަކެއް ކަމަށާއި ނަމަވެސް އޭނާގެ އެއްވެސް ޝަކުވާއެއް ނެތް ކަމަށެވެ.

"އަހަރެން އެބަ ޖެހޭ ވަރަށް ގިނަ މަސަތްކަތްތަކެއް ކުރަން. އަހަރެންގެ ކުލަބުން ވެސް އަމިއްލަ ގައުމުން ވެސް އަހަރެން ބޭނުންވެއްޖެ ކޮންމެ ދަނޑިވަޅެއްގައި ވެސް އަހަރެންގެ އެންމެ މޮޅު ކުޅުން ދައްކަން ތައްޔާރަށް މިހުރީ،" އިނގިރޭސި ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ކާމިޔާބުކޮށްދީފައިވާ ރޫނީ ބުންޏެވެ.

އިނގިރޭސި ކޯޗު ގެރެތު ސައުތުގޭޓް މިރޭގެ މެޗަށް ނެގި ފުރަތަމަ އެގާރައިން ރޫނީއަށް ޖާގަ ގެއްލިފައިވާއިރު އޭނާގެ ބަދަލުގައި އެމަގާމަށް ކުޅެނީ ޓޮޓެންހަމްގެ ޒުވާން މިޑްފީލްޑަރު އެރިކް ޑިއާ އެވެ. ކެޕްޓަންގެ މަގާމް އަދާކުރާނީ ލިވަޕޫލްގެ ތަޖުރިބާކާރު މިޑްފީލްޑަރު ޖޯޑަން ހެންޑަސަންއެވެ.

"މިއީ ރޫނީގެ ފޯމް ދައްވެގެން ގެނައި ބަދަލެއް ނޫން. އަހަރެން ވާނީ ސްލޮވޭނިއާއާ ދެކޮޅަށް ކުޅޭނެ ޕްލޭނެއް އެކުލަވާލާފަ. އެހެންވެ މިޑްފީލްޑަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް ގެންނަން ޖެހުނީ،" ސައުތުގޭޓް ބުންޏެވެ.