ޔޫތު ޗެމްޕިއަންޝިޕްގައި ކްލަބު ވެލެންސިއާއިން ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ބަލިކުރުމާއެކު ގަދަ ހަތަރެއްގެ ފަހު ޖާގައިގެ ވާދަވެރިކަން ބޮޑުވެއްޖެ އެވެ.

ހެންވޭރު ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ޔޫވީގެ މައްޗަށް ވެލެންސިއާ ކުރި ހޯދާފައިވަނީ 1-0 ލަނޑުގެ ނަތީޖާއަކުންނެވެ.

ޔޫވީ އަދި ވެލެންސިއާގެ ފަރާތުން ވެސް އިއްޔެ ފެނިގެން ގޮސްފައިވަނީ ދާދި ހަމަހަމަ ކުޅުމެކެވެ. ވެލެންސިއާ އިން މެޗުގައި ޖެހި ލަނޑު ފެނިގެންދިޔައީ ދެ ވަނަ ހާފުގެ ތެރޭގައެވެ. މެޗުގެ 78 ވަނަ މިނެޓުގައި ވެލެންސިއާ އަށް ލިބުނު ޕެނަލްޓީއަކުން އެ ލަނޑު ކާމިޔާބުކޮށްދިނީ އިސްމާއިލް ޒާން އާމިރު އެވެ.

އެ މެޗުގެ ދެ ވަނަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި މެޗު ހޫނުވެގެން ގޮސްފައިވެ އެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ ރެފްރީ ވަނީ ވެލެންސިއާ އަދި ޔޫވީގެ ކުޅުންތެރިޔަކަށް ވެސް ރަތް ކާޑެއް ދައްކައިފައެވެ. އިތުރު ވަގުތުގައި ރަތް ކާޑު ދައްކާފައިވަނީ ވެލެންސިއާގެ އަބްދުﷲ ޖުނައިދު އާއި ޔޫވީގެ ޝިފާޒް އާދިލަށެވެ.

އެ ނަތީޖާއާ އެކު ތާވަލުގެ ހަތަރު ވަނައަށް ވެލެންސިއާ ޖެހިލީ ކުޅުނު ހަތް މެޗުން ލިބުނު ދިހަ ޕޮއިންޓާއެކު އެވެ. ލީގުގެ އެއް ވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބާއި، ދެ ވަނައިގައި އޮތް ކްލަބު އީގަލްސް އާއި، ތިން ވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން މިހާރު ވަނީ ގަދަ ހަތަރެއްގެ ޖާގައެއް ކަށަވަރުކޮށްފައެވެ. ޓީސީ އަށް ކުޅުނު ހަތް މެޗުން 17 ޕޮއިންޓް ލިބިފައިވާ އިރު، އީގަލްސް އަށް ކުޅުނު ހަތް މެޗުން ލިބިފައިވަނީ 13 ޕޮއިންޓެވެ. އަދި މާޒިޔާ އަށް ކުޅުނު ހަތް މެޗުން ލިބިފައިވަނީ 12 ޕޮއިންޓެވެ.

ވެލެންސިއާއަށް ގަދަ ހަތަރެއްގެ ޖާގައެއް ލިބޭކަން ނުވަތަ ނޫންކަން ކަށަވަރުވާނީ މިއަދު ހަވީރު ވިކްޓަރީ ސްޕޯޓްސް ކްލަބާއި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު ބައްދަލުކުރާ މެޗުން ނުކުންނަ ނަތީޖާއަށްފަހު އެވެ. ވެލެންސިއާ އަށް ގަދަ ހަތަރެއްގެ ޖާގައެއް ލިބޭނީ އެ މެޗު އެއްވަރުވެގެން ނިމިއްޖެ ނަމައެވެ. އެގޮތަށް މިއަދު ނަތީޖާ ނުކުމެއްޖަނަމަ، ވެލެންސިއާ ކުރީގައި އޮންނާނީ ލަނޑުގެ ތަފާތުންނެވެ. މިހާރު ވިކްޓަރީ އަށް ނުވަ ޕޮއިންޓް ލިބިފައިވާ އިރު، ނިއު އަށް ލިބިފައިވަނީ އަށް ޕޮއިންޓެވެ. އެ ދެ ޓީމަށް ގަދަ ހަތަރެއްގެ ޖާގައެއް ލިބޭނީ މެޗުން މޮޅުވެގެންނެވެ.

މުބާރާތުގެ ލީގު ބުރުގެ މެޗުތައް ހެންވޭރު ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާ އިރު، ސެމީ ފައިނަލާއި ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ ގައުމީ ފުޓްބޯޅަ ދަނޑުގައެވެ. ސެމީގެ ފުރަތަމަ މެޗުގައި ލީގު ބުރުގެ އެއް ވަނަ އަދި ދެ ވަނަ ޓީމު ވާދަކުރާ އިރު، އެ މެޗުން މޮޅުވާ ޓީމަކަށް ފައިނަލުގެ ޖާގައެއް ލިބޭނެ އެވެ. ސެމީގެ ދެ ވަނަ މެޗުގައި ބައްދަލުކުރާނީ ލީގު ބުރުގެ ތިން ވަނަ އަދި ހަތަރު ވަނަ ޓީމެވެ. އެ މެޗުން މޮޅުވާ ޓީމެއް ތިން ވަނަ ސެމީގައި ނުކުންނަން ޖެހޭނީ ފުރަތަމަ ސެމީން ބަލިވާ ޓީމަކާ ދެކޮޅަށެވެ. އަދި ތިން ވަނަ ސެމީން މޮޅުވާ ޓީމަކަށް ފައިނަލުގެ ފަހު ޖާގަ ލިބޭނެ އެވެ.

ސެމީގެ ފުރަތަމަ މެޗާއި ދެ ވަނަ މެޗު މި މަހުގެ 15 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ އިރު، ސެމީގެ ތިން ވަނަ މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 19 ވަނަ ދުވަހު އެވެ. އަދި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 23 ވަނަ ދުވަހު އެވެ.