11 Oct 2016, 10:46
ބެއިޖިން(އޮކްޓޯބަރު 11): އިރުމަތީ ޗައިނާގައި މީހުން ދިރިއުޅޭ ހަތަރު އިމާރާތެއް ވެއްޓުމުގެ ސަބަބުން 22 މީހަކު މަރުވެއްޖެ ކަމަށް އެގައުމުގެ މީޑިއާތަކުން ބުނެފި އެވެ.
ޒިންހުއާގައިވާ ގޮތުން އިއްޔެ ހިނގި އެ ހާދިސާގައި ވެއްޓިފައި ވަނީ 1970އިގެ އަހަރުތަކުގައި ބިނާ ކުރި އިމާރާތްތަކެކެވެ. އަދި އެއިމާރާތްތަކަކީ އަގު ހެޔޮކޮށް ކުއްޔަށް ދީފައިވާ ކޮޓަރިތައް ހިމެނޭ އިމާރާތްތައް ކަމުން، އެ އިމާރާތްތަކުގައި ގިނައިން ދިރިއުޅެމުން ދިޔައީ ބިދޭސީން ކަމަށް ރިޕޯޓުތަކުގައިވެ އެވެ.
ސުންނާފަތިވެފައިވާ އިމާރާތްތަކުގެ ދަށުން މިހާރު ވަނީ ހަމީހަކު ސަލާމަތްކޮށްފައެވެ. ނަމަވެސް އިމާރާތްތަކުގެ ދަށުވެފައި ވަނީ ކިތައް މީހުން ކަން އަދި ކަށަވަރު ނުވާ ކަމަށް މީހުން ސަލާމަތް ކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކުން ބުނެ އެވެ.
ޗައިނާގައި އިމާރާތް ކުރުމުގައި ފަރުވާ ކުޑަ ކުރުމުގެ ސަބަބުން އިމާރާތްތައް ވެއްޓުމަކީ އާއްމުކަމެކެވެ. މިއަހަރުގެ މޭ މަހު ޗައިނާގެ ހުޅަނގުދެކުނުގައި ހިނގި އެފަދަ ހާދިސާއެއްގައި 16 މީހަކު ވަނީ މަރުވެފައެވެ. (ބީބީސީ)