11 Oct 2016, 10:44
އިޓަލީ ގައުމީ ޓީމަށް ހައްގުވާ ވަރަށްވުރެ ރަނގަޅު ނަތީޖާތައް ބައެއް ފަހަރު ލިބެމުންދާ ކަމަށް އެ ޓީމުގެ ކެޕްޓަން އަދި ގޯލްކީޕަރު ޖިއާންލުއިޖީ ބުފޮން ބުނެފި އެވެ.
ވޯލްޑް ކަޕް ކޮލިފައިންގައި މިދިޔަ އާދީއްތަ ދުވަހުގެ ރޭ ކުޅުނު މެޗުގައި މެސެޑޯނިއާ އަތުން އިޓަލީ މޮޅުވެފައިވަނީ 3-2 ލަނޑުގެ ހަނި ތަފާތަކުންނެވެ.
އެ މެޗުގައި ފީފާ ރޭންކިންގެ 133 ވަނައިގައި އޮތް މެސެޑޯނިއާ 2-1 ލަނޑުން މޮޅުވާން ދަނިކޮށް، ފަހު ވަގުތު އިޓަލީއަށް ތިން ޕޮއިންޓް ލިބިފައިވަނީ ޗީރޯ އިމޯބިލް ކާމިޔާބުކޮށްދިން ދެ ލަނޑުންނެވެ.
"އެއީ ވަރަށް ތަފާތު މެޗެއް. އަހަރެމެންނަށް ފުރަތަމަ ލީޑު ލިބުނު ނަމަވެސް، ރަނގަޅަށް މެސެޑޯނިއޯ ނުހިފެހެއްޓުމުން ނުރައްކަލާ ކުރިމަތިލާން ޖެހުނު. އަހަރެމެންނަށް ބައެއް ފަހަރު ހައްގުވާ ނަތީޖާއަށް ވުރެ ރަނގަޅު ނަތީޖާތަކެއް ލިބެމުންދޭ،" ތަޖުރިބާކާރު ގޯލްކީޕަރު ބުފޮން ބުންޏެވެ.
ބުފޮން ބުނީ، ބައެއް ފަހަރު ގޯސްތައް ހެދޭނެ ކަމަށާއި އަދި ފަސޭހަވާނެ ކަމަށް ބަލާ މެޗުތަކުގައި ބައެއް ފަހަރު ތަފާތު ނަތީޖާތައް ނުކުންނަމުންދާ ކަމަށެވެ. އަދި މެޗުގައި މޮޅެއް ހޯދުމަށް ކުޅުންތެރިން ދެއްކި ކުޅުމަށް ވެސް އޭނާ ތައުރީފްކޮށްފައިވެ އެވެ.
ވޯލްޑް ކަޕް ކޮލިފައިން ޔޫރަޕް ބައްރުގެ "ގްރޫޕް ޖީ"ގެ ކުރީގައި ސްޕެއިންއާއެކު އިޓަލީ އޮތީ ކުޅުނު ތިން މެޗުން ލިބުނު ހަތް ޕޮއިންޓާއެކު އެވެ.