އިންޑިއާގެ ކްރިކެޓް ލެޖެންޑު، މަހިންދުރަ ސިންގ ދޯނީގެ ހަޔާތުގެ މައްޗަށް އުފެއްދި ފިލްމު 'އެމްއެސް ދޯނީ: ދި އަންޓޯލްޑް ސްޓޯރީ'ގައި ޕާކިސްތާނު އެކްޓަރު ފަވާދު ޚާންގެ ރޯލެއް ކުރިން ހިމަނާފައިވާ ކަމަށާއި، ނަމަވެސް ފިލްމު ރިލީޒް ކުރުމުގެ ކުރިން ފަވާދުގެ ރޯލު ފިލްމުން އުނިކޮށްފައިވާ ކަމަށް ދެކެވޭ ވާހަކަތައް ފިލްމު އުފެއްދި ފަރާތުން ދޮގުކޮށްފި އެވެ.

އެ ފިލްމުގައި، ކްރިކެޓް ކުޅުންތެރިޔާ ވިރާތު ކޯލީގެ ރޯލު ކުޅެފައި ވަނީ ފަވާދު ކަމަށް މީގެ ކުރިން ރިޕޯޓުތައް ވަނީ ބުނެފައެވެ.

ނަމަވެސް ޕާކިސްތާނާއި އިންޑިއާ އާދެމެދު ގުޅުން ގޯސްވެ، ޕާކިސްތާނު ފަންނާނުން އިންޑިއާ އިން ފޭބުމަށް އަންގައި، ހިންދީ ސިނަމާގައި މަސައްކަތް ކުރުން ވަގުތީ ގޮތުން މަނާ ކުރުމުން، 'އެމްއެސް ދޯނީ' އިން ފަވާދުގެ ރޯލު އުނިކުރީ ކަމަށް ހަބަރުތައް ބުނެ އެވެ.

ނަމަވެސް ފިލްމު އުފެއްދި ފޮކްސް ސްޓަރ ސްޓޫޑިއޯސް އިން މިވަނީ އެ ވާހަކަތައް ދޮގުކޮށްފައެވެ.

ފޮކްސްގެ ތަރުޖަމާނު ބުނީ، ފިލްމުގެ ކާސްޓު ހަމަޖެއްސިއިރު ފަވާދުގެ ވާހަކަ ނުވެސް ދެކެވޭ ކަމަށެވެ. އަދި 'އެމްއެސް ދޯނީ' އަކީ ވަރަށް ބޮޑަށް އަސްލާ އެއްގޮތް ކޮށްފައިވާ ފިލްމެއް ކަމަށާއި، ތަރިން ހަމަޖެއްސީ ވެސް އެކަމަށް ވަރަށް ބޮޑަށް ވިސްނާފައި ކަމަށެވެ.

މިދިޔަ ހަފްތާގައި ރިލީޒް ކުރި 'އެމްއެސް ދޯނީ'ގެ މުހިންމު ރޯލުތަކުން ފެނިގެންދަނީ ސުޝާންތު ސިންގ ރާޖްޕުތު، ކިއާރާ އަދްވާނީ، ދިޝާ ޕަޓާނީ، އަނުޕަމް ޚޭރް އަދި ބޫމިކާ ޗޯވްލާ އެވެ.

އެ ފިލްމަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ.