11 Oct 2016, 10:09
މިތުން ޗަކަރްބޯޓީ އަކީ އަށްޑިހައިގެ އަހަރުތަކުގައި ބޮލީވުޑުގައި ރަސްކަން ކުރި ބަތަލެކެވެ. އެކްޝަން ފިލްމުތަކަށް މޮޅު މިތުން އަކީ އޭރުގެ އެންމެ ފާހަގަކޮށްލެވުނު ނެށުންތެރިންގެ ތެރޭގައި ވެސް ހިމެނޭ ފަންނާނެކެވެ. ނަމަވެސް މިތުން މިހާރު ކެމެރާގެ ކުރިމަތިން ނުފެންނަތާ ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ.
ޚަބަރުތައް ބުނާ ގޮތުން، ސިއްހީ ހާލަތު ދަށްވެ، މިތުން މިވަގުތު ހުރީ އިންޑިއާގައެއް ވެސް ނޫނެވެ.މިތުންގެ މެނޭޖަރާ ހަވާލާދީ ޚަބަރުތައް ބުނާ ގޮތުން މިތުން މިހާރު ހުރީ ލޮސް އެންޖެލެސްގައެވެ.
"މިތުންގެ ހާލު ރަނގަޅެއް ނޫން އަދި މިހާރު ހުރީ މުމްބާއީގައެއް ނޫން. އަރާމު ކުރުމަށް މިހާރު ހުރީ ލޮސް އެންޖެލެސްގައި. މަދުވެގެން މަހެއްހާ ދުވަސް އެލްއޭ ގައި މަޑުކުރާނެ،" މެނޭޖަރު ބުނެފައިވެ އެވެ.
މިތުން އެލްއޭއަށް ދިޔަ ފަހުން މިހާރު ދެ ހަފްތާ ވެފައި ވާއިރު، މި މަސް ނިމެންދެން އެކޮޅުގައި މަޑުކުރާނެ އެވެ.
މިތުންގެ މެނޭޖަރު ބުނީ، މިތުންގެ ބުރަކަށީގައި މައްސަލަތަކެއް އުޅޭތީ އެކަނިވެލަން ބޭނުންވީ ކަމަށެވެ. އަދި ބުރަކަށްޓަށް ކުޑަ އަނިޔާވެފައިވާ ކަމަށް ވެސް މެނޭޖަރު ވަނީ ބުނެފައެވެ.
މިތުން އަށް ސިއްހީ މައްސަލަތަކެއް ދިމާވާން ފެށީ، 2009 ވަނަ އަހަރު ނުކުތް ފިލްމު "ލަކް" ގައި ހެލިކޮޕްޓަރަކުން ފުންމާލާ މަންޒަރު ނެގުމުގެ ތެރެއިން ލިބުނު އަނިޔާއަށް ފަހު އެވެ.
މިތުންގެ މެނޭޖަރު ބުނީ މިހާރު ކޮންމެސް ވަރަކަށް މިތުންގެ ހާލު ރަނގަޅު ވަމުން އަންނަ ކަމަށެވެ.