11 Oct 2016, 10:14
ވޮޝިންޓަން(އޮކްޓޯބަރ 11): ޔަމަންގެ ކައިރީގައިވާ ބާބުލްމަންދަބް ކަނޑު އޮޅި ހުރަސް ކުރަމުންދިޔަ އެމެރިކާގެ ކަނޑުގެ މަނަވަރަކަށް އަމާޒުކޮށް ޔަމަނުން ފޮނުވާލި ދެ މިސައިލް ރަތްކަނޑަށް ވެއްޓިފައިވާކަމަށް އެމެރިކާ ބުނެފިއެވެ.
އެމެރިކާގެ ކަނޑުގެ ސިފައިން ބުނީ އެ ދެ މިސައިލް ފޮނުވާލާފައިވަނީ ޔަމަންގެ ޙޫޘީ ހަނގުރާމަވެރިންގެ ކޮންޓްރޯލް އޮތް ސަރަހައްދަކުން ކަމުގައެވެ. ނަމަވެސް އެ ދެ މިސައިލް ވެއްޓިފައިވަނީ އެމެރިކާގެ މަނަވަރު ޔޫއެސްއެސް މައިސަން އާ ދުރު ނޫން ހިސާބަކަށް ކަމަށް އެމެރިކާގެ ކަނޑުގެ ސިފައިން ތަރްޖަމާނަކު ވިދާޅުވިއެވެ.

ހޫޘީ ހަނގުރާމަވެރިން
އެމެރިކާއަކީ ޔަމަންގެ ހޫޘީންނާ ދެކޮޅަށް ހަނގުރާމަކުރާ އަރަބި ކޯލިޝަނަށް އެހީތެރިވާ ގައުމެކެވެ. ނަމަވެސް އަރަބި ކޯލިޝަނުން ދޭ ހަމަލާތައް ޔަމަންގެ ހޮސްޕިޓަލްތަކާއި ސްކޫލްތަކާއި އާންމުން އެއްވެ އުޅޭ ތަންތަނަށް އަމާޒުކޮށް އެޙަމަލާތަކުގައި ޔަމަންގެ އާންމުން ގިނަ އަދަދަކަށް މަރުވާފެށުމުން އެމެރިކާވަނީ އަރަބި ކޯލިޝަނާމެދު ހިތްހަނުޖެހުން ފާޅުކޮށްފައެވެ.
އަރަބި ކޯލިޝަނުން މިހަފްތާގެ ކުރީކޮޅު ޔަމަންގެ ޖަނާޒާ ފޭލިގެއަކަށް ހަމަލާދީ 140 އަށްވުރެ ގިނަ އާންމުން މަރާލުމާ ގުޅިގެން އެމެރިކާ ވަނީ އެކޯލިޝަނަށް ދޭ އެއްބާރުލުމުގެ ކަންތައް އަލުން މުރާޖަޢާ ކުރާނެ ކަމަށް ބުނެފައެވެ. ނަމަވެސް އަރަބި ކޯލިޝަންގައި ހިމެނޭ ސައޫދީ އަރަބިޔާއާއި ގަތަރާއި ޔޫއޭއީ ފަދަ ގައުމުތަކަކީ އެމެރިކާއިން އެތަށް ބިލިޔަން ޑޮލަރަކުން ހަތިޔާރު ގަންނަމުން ގެންދާ ގައުމުތަކަކަށްވާތީ ޔަމަންގެ ހަނގުރާމަ ހުއްޓުވުމަކީ އެމެރިކާ ބާރުއަޅާނެ ކަމެއްނޫންކަމަށް ތަޖްރިބާކާރުން ދެކެއެވެ.
އަރަބި ކޯލިޝަންގެ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން ހޫޘީ ހަނގުރާމަވެރިންވަނީ ސައޫދީ އަރަބިޔާގެ ބައެއް ސަރަހައްދުތަކަށް މިސައިލުން ހަމަލާތައް ދީފައެވެ. ނަމަވެސް ހޫޘީންގެ މިސައިލްތައް އޭގެ އަމާޒަށް ވާސިލް ނުވަނީސް ވައްޓާލިކަމަށް ސައޫދީ އަސްކަރީ ތަރްޖަމާނަކު ވަނީ ވިދާޅުވެފައެވެ.

ހޫޘީން ގެ ޙަމަލާގައި ހަލާކުކޮށްލާފައިވާ އާގުބޯޓު
ބާބުލްމަންދަބް ކަނޑު އޮޅި ހުރަސްކުރަމުންދިޔަ ޔޫއޭއީ ގެ އާގު ބޯޓަކަށް މިދިޔަ ހަފްތާގައި ދިން މިސައިލް ޙަމަލާތަކެއްގައި އެބޯޓުވަނީ ވަރަށްބޮޑަށް ހަލާކުވެފައެވެ. އެހަމަލާތައް ދިނީވެސް ޔަމަންގެ އިދިކޮޅު ހޫޘީ ހަނގުރާމަވެރިން ކަމަށް ޔޫއޭއީ ން ވަނީ ތުހުމަތުކޮށްފައެވެ.
ޔަމަންގައި ހަނގުރާމަކުރާ ފަރާތްތަކުން ހަމަލާތައް ވަރުގަދަ ކުރަމުން ގެންދާތީ އދ. ންވަނީ ކަންބޮޑުވާކަން ހާމަކޮށްފައެވެ. ޔަމަނަށް ކަނޑައަޅާފައިވާ އދ. ގެ މަންދޫބު އިސްމާއީލް ވުލިދުއްޝައިޚް ވަނީ ހަމަލާތައް ވަރުގަދަ ކުރުމަކީ ޔަމަންގެ ހަނގުރާމައަށް ސިޔާސީ ހައްލެއް ހޯދުމަށް އދ. ން ކުރަމުން ގެންދާ މަސައްކަތްތަކަށް އެޅޭ ހުރަހެއްކަމަށް ސިފަކުރައްވައި ހަމަލާތައް ހުއްޓާލުމަށް ހުރިހާ ފަރާތްތަކަކަށްވެސް އިލްތިމާސް ކުރައްވާފައެވެ. (ރޮއިޓާސް)