11 Oct 2016, 10:03
ސެމްސަންގުން އެންމެ ފަހުން ނެރުނު ގެލެކްސީ ނޯޓް 7 ފޯނުތަކުގެ ބެޓެރީގައި ދޮން ބޮޑުވެ، ރޯވާން ދިމާވި މައްސަލައާ ގުޅިގެން ކުރިން ނެރެފައިވާ ފޯނުތައް އަނބުރާ ހޯދުމަށް ފަހު، އޭގެ ބަދަލުގައި ދިން ފޯނުތަކުގައިވެސް ރޯވާ ކަމުގެ ރިޕޯޓުތަކާ ގުޅިގެން ނޯޓް 7 ގެންގުޅޭ ފަރާތްތަކުން ފޯނު ނިއްވާފައި ބޭއްވުމަށް ސެމްސަންގުން ބުނެފި އެވެ.
ސެމްސަންގުން މައްސަލަ ރަނގަޅު ކުރުމަށް ފަހު ދިން ފޯނުތަކުގައި ރޯވާ މައްސަލަ އެކުންފުނިން މިހާރު ތަހުގީގު ކުރަމުންދާ އިރު، ސެމްސަންގުން ވަނީ ނޯޓް 7 އުފެއްދުމާއި ވިއްކުން ވަގުތީގޮތުން ހުއްޓާލާފައެވެ.
"އަޅުގަނޑުމެން އެންމެ އިސްކަން ދޭ ކަމަކީ އަޅުގަނޑުމެންގެ ކަސްޓަމަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަމުން، ފޯނުގެ މައްސަލަ ތަހުގީގު ކުރަމުންދާ އިރު ސެމްސަންގުގެ ހުރިހާ ޕާޓްނަރުން ފޯނު ވިއްކުމާއި ބަދަލުކޮށް ދިނުން ހުއްޓާލުމަށް އަޅުގަނޑުމެން އެދެން. އަދި އޮރިޖިނަލް ނޯޓް 7 ނުވަތަ ފަހުން ބަދަލުކޮށްފައިވާ ނޯޓް 7 ގެންގުޅޭ ފަރާތްތަކުން ފޯނު ނިއްވާލައި، ބޭނުން ކުރުން ހުއްޓާލުމަށް އެދެން،" ސެމްސަންގުން ނެރުނު ބަޔާނެއްގައިވެ އެވެ.
އަދި ބޭނުން ކުރުން ހުއްޓާލާ ނޯޓް 7 ފޯނުތަކުގެ ބަދަލުގައި ފައިސާގެ ބަދަލު ނުވަތަ އެހެން ބާވަތެއްގެ ސެމްސަންގު ފޯނެއް އިހުތިޔާރު ކުރުމަށް ސެމްސަންގުން ވަނީ އެދިފައެވެ.
ނޯޓް 7 އަށް ވަނީ ކިހިނެއް؟
ސްމާޓްފޯނުތަކުގައި ބޭނުން ކުރަނީ ލިތިއަމް ބެޓެރި އެވެ. އަދި މިހާރު ފޯނު އުފައްދާ ކުންފުނިތަކުން ދަނީ ބެޓެރި ކުޑަކޮށް، އޭގެއިން ކުރާ މަސައްކަތް އިތުރުކޮށް، އަވަސް ކުރުމަށް ވާދަ ކުރަމުންނެވެ. ކަމާ ބެހޭ މާހިރުން ލަފާ ކުރާ ގޮތުގައި ސެމްސަންގަށް ދިމާވި މައްސަލައަކީ ބެޓެރީގެ ނެގެޓިވް އިލެކްޓްރޯޑާއި ޕޮޒިޓިވް އިލެކްޓްރޯޑް މާ ގާތްވުމުގެ ސަބަބުން ބެޓެރި ޝޯޓް ސާކެޓް ވަނީ އެވެ. އަދި އޭގެ ސަބަބުން ބެެޓެރީގައި ދޮން ބޮޑުވެގެން 'ގޮވަނީ' އެވެ.