11 Oct 2016, 09:56
ވޯލްޑްކަޕް ކޮލިފައިންގައި ޕައުލް ޕޮގްބާ ކާމިޔާބު ކޮށްދިން ހަމައެކަނި ލަނޑުން 1-0ގެ ނަތީޖާ އަކުން ހޮލެންޑްގެ މައްޗަށް ފްރާންސް ކުރި ހޯދިއިރު ޕޯޗުގަލް ކުޅުނު މެޗުން 6-0ގެ ނަތީޖާ އަކުން ފެރޯ އައިލެންޑްގެ މައްޗަށް ކުރި ހޯދައިފިއެވެ.
ހޮލެންޑްގެ އެމްސްޓަޑާމް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ފެނިގެން ދިޔަ ހަމަ އެކަނި ލަނޑު އެ މެޗުގެ 30 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިއާގެ ގޮތުގައި އިޓަލީގެ ޔުއެންޓަސްއިން މެންޗަސްޓާ ޔުނައިޓެޑަށް ބަދަލުވި ޕޮގްބާއެވެ. ޕޮގްބާ އެ ލަނޑު ކާމިޔާބުކުރީ ހޮލެންޑްގެ ޕެނަލްޓީ އޭރިއާ ބޭރުގައި ހުރެ ފޮނުވާލި ބޯޅައެއް ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ.
ދެ ޓީމްގެ ފަރާތުން ވެސް ގިނަ ހަމަލާތަކެއް ފެނިގެން ދިޔަ އެ މެޗުގައި ހޮލެންޑުގެ ވެންޕާސީއަށް ވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.
ރޭގެ ނަތީޖާއާ އެކު ގްރުޕް އޭގެ އެއް ވަނައިގައި އޮތް ފްރާންސަށް ވެސް އަދި ދެވަނައިގައި އޮތް ސްވިޑަންއަށް ވެސް ލިބެނީ ހަތް ޕޮއިންޓެވެ. ފްރާންސަށް އެއްވަނަ ލިބެނީ ލަނޑުގެ ތަފާތުންނެވެ. ތިން ވަނައިގައި އޮތީ ހަތަރު ޕޮއިންޓާ އެކު ހޮލެންޑެވެ.

ފެރޯ އައިލެންޑް ކޮޅަށް ލަނޑު ޖެހުމަށް ފަހު ޕޯޗުގަލްގެ ކުޅުންތެރިން އުފާފާޅު ކުރަނީ ---
ގުރޫޕް ބީގައި ފެރޯ އައިލެންޑްގެ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފްގައި ޕޯޗުގަލްގެ ޕޯޓޯއަށް ކުޅެމުންއަންނަ ޒުވާން ފޯވާޑް އަންދުރޭ ސިލްވާ ވަނީ ތިން ލަނޑު ކާމިޔާބުކޮށް ހެޓްރިކެއް ފުރިހަމަ ކޮށްފައެވެ.
ކޮލިފައިންގައި އެންމެ ފަހުން ޕޯޗުގަލް އެންޑޯރާ ކޮޅަށް ވެސް ހަ ލަނޑު ވައްދާލިއިރު އެ މެޗުގައި ހަތަރު ލަނޑު ކާމިޔާބުކޮށްދިން ކްރިސްޓިއާނޯ ރޮނާލްޑޯ ވެސް ވަނީ ރޭގެ މެޗުގައި ލަނޑެއް ކާމިޔާބުކޮށްފައެވެ.
ޕޯޗުގަލްގެ އަނެއް ދެ ލަނޑު މެޗުގެ އިތުރު ވަގުތުކޮޅުގައި ކާމިޔާބުކޮށްދިނީ ޖޯއީ މޯޓިންހޯ އާއި ޖޯއީ ކެންސެލޯއެވެ.
ގުރޫޕް ބީގައި ޕޯޗުގަލްއަށް އަދިވެސް ލިބެނީ ހަ ޕޮއިންޓާ އެކު ދެވަނައެވެ. އެއްވަނައިގައި އޮތީ ރޭ އެންޑޯރާ އަތުން 2-1ގެ ނަތީޖާ އަކުން މޮޅުވި ސްވިޒަލޭންޑެވެ. ތިން ވަނައިގައި ހަތަރު ޕޮއިންޓާ އެކު އޮތީ ހަންގޭރީއެވެ.