11 Oct 2016, 09:38
މިދިޔަ މަހު ކުރީކޮޅު ހިނގި އަލިފާނުގެ ހާދިސާގައި އެނދި ގ. އެސްބަރިގެއަށް ނިސްބަތްވާ ދެ އާއިލާ، އަމިއްލެ ވަގުތީ ބޯހިޔާވަހިކަމަށް ބަދަލުވުމަށް ދައުލަތުން ފައިސާ ދީފިއެވެ.
ހަ މީހުންގެ ދެ އާއިލާ މީގެ ކުރިން ތިބީ ވަގުތީ ހިޔަލުގައި މާލޭގެ ގެސްޓް ހައުސްއެއްގައެވެ. އެމީހުންގެ ކެއިންބުއިން ފަދަ ކަންކަން ހަމަޖައްސައިދެމުން ދިޔައީ ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުންނެވެ.
ޑިޒާސްޓާ މެނޭޖްމަންޓު ސެންޓަރުގެ ޑިރެކްޓަރު ހިސާން ހަސަން "ސަން"އަށް މިއަދު ވިދާޅުވީ، އެ ދެ އާއިލާގެ މީހުންނަށް ވަކި މުއްދަތަކަށް ބޭނުންވާ އަސާސީ ބޭނުންތައް ފުއްދުމަށް ފައިސާ ކަންކަން ހަމަޖައްސާފައިވާ ކަމަށެވެ.
ނަމަވެސް އަދިވެސް އެދެ އާއިލާ ތިބީ ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުގެ ބެލުމުގެ ދަށުގައި ކަމަށް ހިސާން ވިދާޅުވިއެވެ.

ދީފައިވަނީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް އަދި ކޮން މުއްދަތަކަށްކަމެއް ހާމައެއް ނުކުރެއެވެ.
އެ ހާދިސާގައި 21 މީހަކު ވަގުތީ ހިޔާއަށް ބަދަލުކުރިއިރު އެންމެ ފަހުން ތިބި ހަ މީހުންނަކީ އެންމެ ބޮޑަށް އަލިފާންރޯވި ދެ އެޕާޓްމަންޓުގައި އުޅުނު ދެ އާއިލާ މީހުންނެވެ.
ދުވަސްވީ އެ އިމާރާތުގައި 13 ބަޔެއް ހުންނައިރު އަލިފާނުގެ ސަބަބުން އެކިބައިތަކަށް ވަނީ އެކިވަރުގެ ގެއްލުންތައްވެފައެވެ.
އެސްބަރީގައި ކަރަންޓް ޝޯޓެއް ވެގެން ހިނގި ކަމަށް ބެލެވޭ އެ ހާދިސާގައި ގ. އަސޭނާ އާއި، ގ. މެމޯރީ ވިލާއަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއްވެފައެވެ.