މޮސްކޯ(އޮކްޓޯބަރ 11): ސޫރިޔާގެ ތުރްތޫސްގައިވާ ރަޝިޔާ ކަނޑުގެ ސިފައިންގެ ބޭސް، ދާއިމީ ބޭހަކަށް ހަދަން ގަސްދުކުރާކަން ރަޝިޔާއިން ހާމަކޮށްފިއެވެ.

ރަޝިޔާގެ ދިފާއީ ވަޒީރުގެ ނައިބު ނިކޮލައި ބެންކޯފް ވިދާޅުވީ ސޫރިޔާގެ ސަލާމަތާބެހޭ ކަންކަން ހުރިގޮތުން ތުރްތޫސްގައިވާ ރަޝިޔާގެ ކަނޑުގެ ސިފައިންގެ ބޭސް ދާއިމީ ބޭހަކަށް ހަދަން ރަޝިޔާއަށް ޖެހިފައިވާ ކަމުގައެވެ. މިކަމަށްޓަކައި އެބޭހުގައި ބިނާކުރަންޖެހޭ އަސްކަރީ އިންފްރާސްޓްރަކްޗަރ ބިނާކުރުމުގެ ކަންތައް ރަޝިޔާއިން ވަރަށް އަވަސްމިނެއްގައި ކޮށްނިންމާލާނެ ކަމަށް ބެންކޯފް ވިދާޅުވިއެވެ.

ސޫރިޔާގައިވާ ރަޝިޔާގެ އަސްކަރީ ބޭހެއް

މެދުއިރުމަތީގައި ރަޝިޔާގެ އަސްކަރީ ބޭހެއް އޮންނަ ހަމައެކަނި ގައުމަކީ ސޫރިޔާއެވެ. ސޫރިޔާގެ ތުރްތޫސްގެ އިތުރުން އެގައުމުގެ އެހެން ރަށެއްކަމަށްވާ ހަމީމީމް ގައިވެސް ރަޝިޔާގެ އަސްކަރީ ބޭހެއް އޮވެއެވެ. ރަޝިޔާ އަސްކަރީ ގޮތުން ވަށާލުމަށް ރޭވުންތެރި ސިއްރުގެ ޕްލޭނެއްގެ ދަށުން އެމެރިކާއާއި ނޭޓޯ މަސައްކަތް ކުރަމުންގެންދާކަމަށް ރަޝިޔާ ވަނީ ތުހުމަތުކޮށްފައެވެ.

ޕޮލެންޑާއި ޗެކްރިޕަބްލިކްގައި އެމެރިކާއިން މިސައިލް އައްޑަނައިގެ ނިޒާމެއް ރުކުރުވާލުމާއި ރަޝިޔާއާ އިންވެގެންވާ އިރުމަތީ ޔޫރަޕްގެ ގައުމުތައް ނޭޓޯއަށް ވައްދައިގެން އެގައުމުތަކުގައި އަސްކަރީ ބާރުތައް ވަރުގަދަކުރުމަށް އެމެރިކާއާއި ނޭޓޯ ކުރަމުން ގެންދާ މަސައްކަތްތަކަކީ މިޕްލޭންގެ ބައެއްކަމަށް ރަޝިޔާ ދެކެއެވެ.

ސޫރިޔާގައިވާ ރަޝިޔާގެ އަސްކަރީ އަދި މަދަނީ މަސްލަހަތުތައް ޙިމާޔަތް ކުރުމަށް ކަމަށްބުނެ ރަޝިޔާ ދާދިފަހުންވަނީ އެސް ތިންސަތޭކައިގެ ވައިގެ ދިފާއީ ނިޒާމަކާއި އެސް ހަތަރު ސަތޭކައިގެ ވައިގެ ދިފާއީ ނިޒާމެއް ސޫރިޔާގައި ރުކުރުވާލާފައެވެ. މީގެއިތުރުން މިދިޔަ ހަފްތާގައި ރަޝިޔާއިންވަނީ ސޫރިޔާގެ ކަނޑުގެ އައްސޭރި ފަށަށް ހަނގުރާމަމަތީ ތިން މަނަވަރުވެސް ފޮނުވާފައެވެ. މިއީ ސޫރިޔާ ސިފައިންގެ އަމާޒުތަކަށް ވައިގެ ވަރުގަދަ ޙަމަލާތަކެއް ދޭންޖެހިދާނެ ކަމުގެ ނުސީދާ އިންޒާރެއް އެމެރިކާ ދިނުމާ ގުޅިގެން ރަޝިޔާ އެޅި ފިޔަވަޅުތަކެކެވެ.

ސޫރިޔާގައިވާ ރަޝިޔާގެ އަސްކަރީ ބޭހެއް

ޓެރަރިޒަމާ ހަނގުރާމަ ކުރުމުގެ ނަމުގައި ރަޝިޔާ ގެންދަނީ އެގައުމުން އުފައްދާފައިވާ އެންމެ ޒަމާނީ ޓެކްނޮލޮޖީގެ ހަތިޔާރުތައް ސޫރިޔާގައި ތަޖްރިބާކޮށް އޭގެ އަޖުމަ ބަލަމުންނެވެ. މިކަމުގެ ޝިކާރައަކަށްވަމުން ދަނީ ސޫރިޔާގެ ކުށެއްނެތް ނިކަމެތި އާންމުންނެވެ. މިމައްސަލައިގައި އެމެރިކާ ކަންބޮޑުވާކަން ހާމަކުރާއިރު އެމެރިކާއަކީވެސް އިރާގާއި އަފްޣާނިސްތާން ފަދަ ގައުމުތަކުގައި އެގައުމުގެ ހަތިޔާރުތައް ތަޖްރިބާ ކުރަމުން ގެންދާ ގައުމެކެވެ. އަދި ޓެރަރިޒަމާ ހަނގުރާމަ ކުރުމުމުގެ ނަމުގައި އެމެރިކާ ހިންގާ އަމަލުތަކަކީ ހަނގުރާމައިގެ ޖަރީމާކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ވަނީ ތުހުމަތުކޮށްފައެވެ.