އެމްޑީޕީގެ ސަރުކާރުން ފުވައްމުލައް ސިޓީގެ ރައްޔިތުންނަށް ދެއްކީ ހުސް ހުވަފެން ކަމަށް އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ފުވައްމުލައް ސިޓީގެ ފަނާއި ނަރުދަމާގެ ނިޒާމްގެ އަމަލީ މަސައްކަތް ފެއްޓެވުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ފައްކަވަމުން ތޯރިގު ވިދާޅުވީ ފުވައްމުލަކު ރައްޔިތުންގެ ކުރިއެރުމަށް އެމްޑީޕީ ސަރުކާރުން ވިސްނާފައި ނެތް ކަމަށެވެ.

"މި މަސައްކަތް ކުރިއަށްދާއިރު އަޅުގަނޑުމެން ވިސްނާލަންޖެހޭ އެމްޑީޕީ ސަރުކާރުން ތިބޭފުޅުންގެ ކުރިއެރުމަށް ވިސްނާފަ ނެތޭ. އެހެންވީމަ މިއީ ތިބޭފުޅުން މިރޭ ފާހަގަކޮށްލަންޖެހޭ ކަމެއް. އެމްޑީޕީ ސަރުކާރުން ތިބޭފުޅުންނަށް ދެއްކީ ހުސް ހުވަފެން،" ތޯރިގު ވިދާޅުވިއެވެ.

ތޯރިގު ވިދާޅުވީ އެމްޑީޕީން ދައްކާ ހުވަފެން ނުބަލައި، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީޕީއެމްގެ ކައުންސިލެއް އިންތިޚާބުކޮށްދޭން ފުވައްމުލައް ސިޓީގެ ރައްޔިތުން އެބަޖެހޭ ކަމަށެވެ.

ފުވައްމުލަކު ރައްޔިތުން ބޭނުންވާ ހުރިހާ ކަމެއް ކުރެވޭނެ ކައުންސިލެއް ފުވައްމުލައް ސިޓީގައި ބާއްވަން އެބަޖެހޭ ކަމަށާއި އެ ސިޓީގެ ރައްޔިތުން އެކަންކޮށްދޭނެކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ފުވައްމުލަކަށް ސިޓީއެއްގެ ދަރަޖަދީފައިވާއިރު، ގިނަ ކަންތައްތަކެއް ފުވައްމުލައް ސިޓީއަށް ކޮށްދޭން ޖެހޭ ކަމަށް ތޯރިގު ވިދާޅުވިއެވެ.

"ސަރުކާރުން މިދަނީ އެކި މުއައްސަސާތަކުން އެކި ސެކްޓާތަކުން ފުވައްމުލަށް ސިޓީއަށް ބޭނުންވާ އެކި ކަންތައް ކޮށްދެމުން. އޭގެތެރޭގައި އަޅުގަނޑުގެ ވުޒާރާއިން ކުރާ ކަންތައްތަކުގެ ތެރޭގައި ފެނާއި ނަރުދަމާގެ މަސައްކަތް އިރާދަކުރެއްވިއްޔާ މިއަދު މިވަނީ ފެއްޓިފައި،" ތޯރިގު ވިދާޅުވިއެވެ.