ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ ގަތުލުކުރި ވާހަކަ ދެއްކުމަކީ އެމަނިކުފާނަށް މައްސަލައެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

ފުވައްމުލައް ސިޓީގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ޑރ. އަފްރާޝީމް ގަތުލުކުރި ވާހަކަ ގިނަގިނައިން ދައްކަންވީ ކަމަށެވެ.

"އަފްރާޝީމްގެ މަރުގެ ވާހަކަ، ގަތުލުގެ ވާހަކަ ދެއްކުމަކީ އަޅުގަނޑަށް އެއްވެސް މައްސަލައެއް އޮތް ކަމެއް ނޫން. އެ ވާހަކަ ދައްކަންވީ ގިނަ ގިނައިން. އެކަމަކު ގަޒްފު އަރާވަރުގެ ވާހަކަ ދައްކާ ކަމަށްވަންޏާ އިސްލާމީ ޝަރީއަތުގައި ވެސް މިއޮތީ ގަޒުފުގެ ހައްދު ޖަހާނެ. އެއީ އަބުރާ ބެހުން. ސީރިއަސްކޮށް އަބުރާ ބެހުން،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން މިހެން ވިދާޅުވެފައި މިވަނީ "ޑރ. އަފްރާޝީމްގެ ގަތުލު. އާއިލާގެ ނިންމުން" މިނަމުގައި ރާއްޖެ ޓީވީން މިދިޔަ ހަފްތާގައި ޑޮކިއުމެންޓްރީއެއް ގެނެސްދީފައި ވަނިކޮށެވެ.

އެ ޑޮކިއުމެންޓްރީގައި އަފްރާޝީމްގެ ބޭބޭ އަބްދުއްނާސިރު އަލީ ވިދާޅުވީ، އަފްރާޝީމް އަވަހާރަކޮށްލުމުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރުގެ ބައިވެރިވުމެއް އޮތް ކަމަށް އޭނާ ވަރަށް ބޮޑަށް ތުހުމަތުކުރާ ކަމަށެވެ. އަދި އެ ތުހުމަތު ކުރައްވާ ސަބަބުތައް ވެސް ނާސިރު ވަނީ ކިޔައިދީފައެވެ.

އަފްރާޝީމްގެ މަރުގެ ވާހަކަ، ގަތުލުގެ ވާހަކަ ދެއްކުމަކީ އަޅުގަނޑަށް އެއްވެސް މައްސަލައެއް އޮތް ކަމެއް ނޫން. އެ ވާހަކަ ދައްކަންވީ ގިނަ ގިނައިން. އެކަމަކު ގަޒްފު އަރާވަރުގެ ވާހަކަ ދައްކާ ކަމަށްވަންޏާ އިސްލާމީ ޝަރީއަތުގައި ވެސް މިއޮތީ ގަޒުފުގެ ހައްދު ޖަހާނެ. އެއީ އަބުރާ ބެހުން. ސީރިއަސްކޮށް އަބުރާ ބެހުން،ރައީސް ޔާމީން

ނާސިރު ވިދާޅުވީ، އަދީބާ ހަމައިން އެ މައްސަލަ ނިމުނު ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އަދި މި ސަރުކާރު އައިފަހުން އެ މައްސަލައިގެ ތަހުގީގު ހުއްޓިފައިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ޓީވީއެމްގެ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގަތުމަށްފަހު އެމަނިކުފާނު ދިރިއުޅުއްވާ ހ. ފުންވިލުގެއަށް ވަދެވަޑައިގަންނަވަނިކޮށް ތޫނު ހަތިޔާރުން ހަމަލާދީ ޑރ. އަފްރާޝީމް އަވަހާރަކޮށްލާފައި ވަނީ 2012 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައެވެ.

ރ. އިފުރު އެއާޕޯޓު ހުޅުވުމަށް މިދިޔަ އަހަރުގެ މެއި މަހުގެ 28 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީން ވިދާޅުވެފައި ވަނީ އަފްރާޝީމްގެ މަރާ ގުޅުވައިގެން އެމަނިކުފާނުގެ ބޮލުގައި ބަދުނާމު އަޅުވަމުންދާ ކަމަށާއި އެފަރާތްތަކާ މެދު ޖިނާއީ ދައުވާ ކުރައްވާނެ ކަމަށެވެ. އަދި އެ މައްސަލާގައި އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން އަބްﷲގެ މައްޗަށް ދައުވާ ކުރައްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

"ވަރަށް ބޮޑު ބަދުނާމްތައް އަޅުގަނޑުގެ ބޮލުގައި އަޅުވަމުން އެބަދޭ. އެމީހުންނަށް ހައްގު ޖަޒާ މިސަރުކާރުން ހަމަ ލިބިގެންދާނެ. މި އިލްޒާމްތައް އަޅުވާ ފަރާތްތަކާ މެދު އަޅުގަނޑު ގަސްތުކުރަނީ ދައުވާ އުފުލަން. އަބުރުގެ ދައުވާއެއް ނޫން. ހަމަ ޖިނާއީ ދައުވާ އުފުލަން. އެދައުވާތައް ހިނގާނެ. ޝެއިހް އިމްރާގެ މައްޗަށް މިދައުވާ އަޅުގަނޑު ކުރާނަން،" ރައީސް ޔާމީން ވިދާޅުވިއެވެ.