11 Oct 2016, 08:54
ގއ. އަތޮޅަށް ހުޅުވާލައިގެން ބާއްވާ ޖަމީލް ފައުންޑޭޝަން ކިއްސަރު ފުޓްސަލް ކަޕް ޑިސެމްބަރު މަހު ބާއްވާގޮތަށް ނިންމައިފި އެވެ.
ކިއްސަރު ޖަމިއްޔާއިން އިންތިޒާމްކޮށްގެން ގއ. ކޮނޑޭގައި ބާއްވާ "ޖަމީލް ފައުންޑޭޝަން ކިއްސަރު ކަޕް 2016" ކަޕް ބާއްވާގޮތަށް ހަމަޖެހިފައިވަނީ ޑިސެމްބަރު މަހުގެ 11 އިން 17 ވަނަ ދުވަހުގެ ނިޔަލަށެވެ. އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އަންނަ މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލެވިފައެވެ.
ކިއްސަރު ޖަމިއްޔާއިން 2004 ވަނަ އަހަރުން ފެށިގެން ކޮންމެ ދެ އަހަރަކުން އެއް އަހަރު އެ މުބާރާތް ބާއްވަމުންދެ އެވެ. އެ މުބާރާތް ފުރަތަމަ ސިކްސް-އަ-ސައިޑް މުބާރާތެއްގެ ގޮތުގައި ކުރިއަށްގެންދިޔަ އިރު، 2012 ވަނަ އަހަރުން ފެށިގެން ކުރިއަށްދިޔައީ ފުޓްސަލް މުބާރާތެއްގެ ގޮތުގައެވެ. މިއީ އެ މުބާރާތް ބާއްވާ ހަތް ވަނަ ފަހަރެވެ.

ކިއްސަރު ފުޓްސަލް ކަޕްގެ ޓައިޓަލް ސްޕޮންސަރަކަށް ޖަމީލް ފައުންޑޭޝަން ހަމަޖެއްސުމުގެ ގޮތުން އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އަންނަ މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލެވިފައި ---
ގއ. އަތޮޅުގެ ހުރިހާ ރަށްތަކާއި އެ އަތޮޅުގެ ހުރިހާ ރިސޯޓްތަކަށް ވެސް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ އިރު، މިހާރު ވެސް އެ މުބާރާތަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށް މުބާރާތް އިންތިޒާމްކުރާ ކިއްސަރު ޖަމިއްޔާ އިން މައުލޫމާތުދެ އެވެ.
ގިނަ ޓީމުތަކަކުން އެ މުބާރާތުގައި ބައިވެރިވުމުގެ ޝައުގުވެރިކަން ފާޅުކުރަމުންދެ އެވެ. އެގޮތުން މިހާތަނަށް ގއ. ގެމަނަފުށިން ދެ ޓީމާއި، ގއ. ނިލަންދޫން ދެ ޓީމާއި، ގއ. ދާންދޫން ޓީމެއް އަދި ގއ. ކޮންޑޭ އިން ފަސް ޓީމެއް ޝައުގުވެރިކަން ފާޅުކޮށްފައިވެ އެވެ.
އެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 20،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާ އިރު، ރަނަރަޕް ޓީމަށް 7500 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެ އެވެ. އެންމެ ފަހުން 2014 ވަނަ އަހަރު ބޭއްވި މުބާރާތުގެ ޗެމްޕިއަނުންނަކީ ގއ. ކޮނޑޭގެ އޭޖާސް ޔުނައިޓެޑެވެ.

ކިއްސަރު ފުޓްސަލް ކަޕްގެ ޓައިޓަލް ސްޕޮންސަރަކަށް ޖަމީލް ފައުންޑޭޝަން ހަމަޖެއްސުމުގެ ގޮތުން އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އަންނަ މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލެވިފައި ---
އެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވޭ ކުޅުންތެރިޔާ އަށް މޯލްޑިވިއަންގެ ހެޔޮއެދުންތަކާއެކު އިންޑިއާގެ ޗެންނާއީ ދެކޮޅު ޓިކެޓް ދިނުމަށް ހަމަޖެހިފައިވެ އެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އިތުރުން އެންމެ މޮޅު ފަސް ކުޅުންތެރިންނާއި، އެންމެ އުންމީދީ ކުޅުންތެރިޔާ އާއި، ފެއާ ޕްލޭ ޓީމާއި ފެއާ ޕްލޭ ކުޅުންތެރިޔާ އަދި އެންމެ ރަނގަޅަށް ސަޕޯޓްކުރާ ޓީމު ހޮވުމަށް ވެސް ހަމަޖެހިފައިވެ އެވެ.
އެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކަށް ހަމަޖައްސާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެންބަރު ޖަމީލް އުސްމާންގެ ޖަމީލް ފައުންޑޭޝަނެވެ. އޭގެ އިތުރުން އެސްޓީއޯ އާއި، ވީބީ ބްރަދާސް އަދި މޯލްޑިވިއަންގެ އެހީތެރިކަން އެ މުބާރާތަށް ލިބިފައިވެ އެވެ.