11 Oct 2016, 01:20
ފުވައްމުލަކު ސިޓީގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ފުވައްމުލައް ސިޓީގައި ރޭ ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މި ސިޓީގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ވެގެންދާނީ ރާއްޖޭގައި ހިންގާ އެބާވަތުގެ އެންމެ އަގު ބޮޑު މަޝްރޫއަށް ކަމަށެވެ. އެގޮތުން ލަފާ ކުރެވޭ ގޮތުގައި އެމަޝްރޫއަށް 26 މިލިއަން ޑޮލަރު ޚަރަދު ވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"މި މަސައްކަތަށް ފައިސާ ހޯދުމުގެ މަސައްކަތްތައް ދިވެހި ސަރުކާރުގެ ފަރާތުން ވަނީ ފަށާފައި. އިރާދަކުރެއްވިއްޔާ ނެދަލޭންޑްގެ ސަރުކާރުންނާއި ކުވައިތު ފަންޑުގެ ފަރާތުން އުއްމީދީ ވާހަކަތަކަކާ އެކީ މި މަޝްރޫއުގެ ކަންތައްތައްވެސް ކުރިއަށް އެބަ ދޭ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނުގެ ޒައާމަތުގެ ތެރޭގައި އެ މަޝްރޫއު ފަށައި، އޭގެ ސަބަބުން ރައްޔިތުންނަށް ލާބައާއި މަންފާ ލިބުމަށް އުއްމީދު ކުރައްވާ ކަމަށެވެ.
ރަށް ގިރުމުގެ މައްސަލައަކީ ފުވައްމުލަކުގެ ތިމާވެއްޓަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމެވެ. އެގޮތުން ރަށުގެ އިރުމަތީ ފަރާތުން ބޮޑު ސަރަހައްދެއް ގިރާފައިވެއެވެ.