ސަރުކާރާ ވަކިވެވަޑައިގަތުމުގެ ކުރިން ދައުލަތުގެ ދަރަނި ދައްކާ ޚަލާސް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ފުވައްމުލައް ސިޓީގެ ފެނާއި ނަރުދަމާ ނިޒާމުގެ އަމަލީ މަސައްކަތް އިފްތިތާހުކޮށްދެއްވުމަށްޓަކައި ރޭ ފުވައްމުލަކުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނު ސަރުކާރާ ހަވާލުވެވަޑައިގެންނެވި އިރު ސަރުކާރުގެ ދަރަނީގެ ގޮތުގައި 33 ބިލިއަން ރުފިޔާ ހުރި ކަމަށެވެ. އަދި ސަރުކާރުން މިހާރުވެސް ދަނީ މެދުކެނޑުމެއްނެތި އެ ދަރަނިތައް އަދާ ކުރަމުން ކަމަށާއި ދައުލަތުގެ އާމްދަނީގެ 10 ޕަސެންޓު ހޭދަ ކުރަނީ އެ ދަރަނި އަދާކުރުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

“މިއަދު އަޅުގަނޑުމެންގެ ގައުމީ އުފެއްދުންތެރިކަމަށް ބަލާ ކަމަށް ވަންޏާ ބޮލަކަށް ނުވަތަ މުޅި ބަޖެޓަށް ލިބޭ އާމްދަނީގެ 100 އަކުން 10 މި ހޭދަ ކުރަނީ މިގޮތަށް ނަގާފަ ހުރި ފައިސާ އަދާ ކުރުމަށްޓަކައި. އެހެން ނަމަވެސް އަޅުގަނޑު އަބަދުވެސް ގަބޫލު ކުރަނީ އަޅުގަނޑުމެންނަށް ލިބޭ މިންވަރަށް ވުރެ އިތުރަށް ޚަރަދުކޮށްގެންވެސް ރައްޔިތުންނަށް ބޭނުންވާ ޚަރަދު ގެނެސްދޭން ޖެހޭނެއޭ. އެއް ގޮތަކަށްވެސް ދައުލަތް ދަރަނިވެރި ކުރުވާކަށް ނޫން،” ރައީސް ވިދާޅުވިއެވެ.

ސަރުކާރުން މިހާރު ހިންގަމުންދާ މަޝްރޫއުތަކުގެ ނަތީޖާއެއްގެ ގޮތުން ދައުލަތް ދަރަނިވެރިވެދާނެ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަށް ރައީސް ވަނީ ރައްދުދެއްވައިފައެވެ.

“އަޅުގަނޑު ތިބޭފުޅުންނާ ވަކިވާނީ އެދަރަނި އަދާކޮށްފައޭ. އެދަރަނި އަދާ ކުރުމަށްޓަކައިވެސް އަދި އެބޭފުޅުންގެ އިހުސާސްތައް ވަރަށް ސީރިއަސްކޮށް ހުށަހެޅުއްވީމަ އެނގޭ އެބޭފުޅުންގެ ތެރޭގަ އެ ދަރަނި އަދާ ކުރެއްވޭނެ ވަރުގެ ބޭފުޅެއް ނެތީކަން. އެ ދަރަނި އަދާ ކުރުމަށްޓަކައިވެސް އަޅުގަނޑު ހިތަށް އަރަނީ އަދިވެސް ދައުރެއް ލިބެން ޖެހޭ،” ރައީސް ވިދާޅުވިއެވެ.

ރައީސް މިހެން ވިދާޅުވިއިރު މިދިޔަ މަހު މަރުކަޒީ ބޭންކް، އެމްއެމްއޭއިން ނެރުނު އިގްތިސާދީ ރިވިއުގައި ބުނެފައިވަނީ އޯގަސްޓު މަހު ސަރުކާރުގެ ޚަރަދު 41.3 މިލިއަން ރުފިޔާ އިތުރުވެފައިވާ ކަމަށެވެ.

އެމްއެމްއޭއިން ބުނެފައިވާ ގޮތުގައި އޯގަސްޓް މަހު ޚަރަދުތައް އިތުރު ވެފައިވަނީ ސަރުކާރުގެ ކެޕިޓަލް ޚަރަދު އިތުރުވުމާ ގުޅިގެންނެވެ. ނަމަވެސް އެ މުއްދަތުގެ ތެރޭގައި ސަރުކާރުގެ ރިކަރަންޓް ޚަރަދު ވަނީ ދަށަށް ގޮސްފައިކަމަށް އެމްއެމްއޭއިން ބުނެފައިވެއެވެ.