އެމްއެންޑީއެފްގެ އަސްކަރީ ގާބިލްކަން އިތުރުކުރުމުގެ ގޮތުން މާލޭ އޭރިއާގެ ކޮމްޕޯނަންޓްތަކަށް އަމާޒުކޮށްގެން އަސްކަރީ ތަމްރީނުތަކެއް ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ، އެމްއެންޑީއެފް މާލޭ އޭރިއާއަށް ނިސްބަތްވާ މެރިންސް އަދި ކޯސްޓްގާޑު ސްކޮޑްރަންގެ ސެއިލަރުން އަދާކުރަންޖެހޭ އޮޕަރޭޝަނަލް ޓާސްކުތަކަށް ތަމްރީނުދީ ގާބިލްކަން އިތުރުކުރުމުގެ ގޮތުން އެމްއެންޑީއެފް މާލޭ އޭރިއާއިން ކުރިއަށްގެންދާ އެ ތަމްރީންތައް ފެށީ އިއްޔެ ކަމަށެވެ.

މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދަން ނިންމާފައިވާ އެ ތަމްރީންތައް ހުޅުމާލެއާއި ހުޅުލެ އަދި ވިލިމާލޭގެ އިތުރުން ތިލަފުށީގައި ކުރިއަށްގެންދާނެ އެވެ.

މީގެ އިތުރުން މާލޭ އޭރިއާގެ ކޮމްޕޯނަންޓްތަކުގެ ގިނަ އަދަދެއްގެ ސިފައިން ބައިވެރިވާ އެ ތަމްރީނުތައް މާލޭގެ ވަށައިގެންވާ ކަނޑުގެ ސަރަހައްދުގައި ވެސް ކުރިއަށްގެންދާނެ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

އެމްއެންޑީއެފްގެ ތަމްރީންތަކެއް މާލޭ ސަރަހައްދުގައި ކުރިއަށްދާއިރު، ޓެރަރިޒަމްގެ ހަމަލާއަތުވެއްޖެ ހާލަތެއްގައި ރާއްޖެ ސަލާމަތް ކުރުމަށް ދިވެހި ސިފައިންގެ ހާއްސަ އަސްކަރީ ތަމްރީނުތަކެއް ވަނީ މީގެ ތިން ހަފްތާ ކުރިން ޅ. މާފިލާފުށީގައި ވެސް ކުރިއަށް ގެންގޮސްފައެވެ.