ކުރިއަށް އޮތް ދޮޅުމަސް ދުވަހުގެ ތެރޭގައި ކެންސަރު ބައްޔަށް ފަރުވާދޭ ޑިޕާޓްމަންޓެއް އައިޖީއެމްއެޗުގައި ހުޅުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

ފުވައްމުލައް ސިޓީގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، މިއަދު ރާއްޖޭގައި އެންމެ ބޮޑަށް ފެތުރެމުންދާ ބައްޔަކީ ކެންސަރު ކަމަށާއި އެ ބައްޔަށް ބޭސްފަރުވާ ކުރުމަށް ދިވެހީން ބޮޑެތި ޚަރަދުތައް ކޮށްގެން ރާއްޖެއިން ބޭރަށްދާ ކަމަށެވެ.

އައިޖީއެމްއެޗުގައި އެފަދަ ޑިޕާޓްމަންޓެއް ގާއިމްވެގެން ދިޔުމަކީ ކެންސަރު ބައްޔަށް ފަރުވާ ހޯދުމަށް ދިވެހީންނަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމެއް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"އިރާދަކުރެއްވިއްޔާ މިއަހަރު ބާކީ މިއޮތް ދޮޅުމަހެއްގެ ތެރޭގައި ކެންސަރު ޓެސްޓު ކުރުމާއި ކެންސަރަށް ފަރުވާދިނުމުގެ ނިޒާމް ނޫނީ ޑިޕާޓްމަންޓެއް އައިޖީއެމްއެޗުގައި އުފެދިގެންދާނެ. މިއީ ހަމަގައިމުވެސް އަޅުގަނޑުމެން ޚިޔާލު ފޯރާފަ ހުރި ކަންކަމެއް ނޫން. މިކަންކަމަކީ ހަމަ ގަދަ ވޭނުގައި ރާއްޖެއިން ބޭރުގައި އާއިލާތައް ގޮވައިގެން ނޫނިއްޔާ ގެންދެވުނު މީހަކު ގޮވައިގެންގޮސް ދިގުލައިގެންދާ ފަރުވާ ބޭނުންވާ ކަންކަން. ކާކަށްތޯ މިކަހަލަ ފަރުވާ ކުރަން ފަސޭހަވާނީ،" ރައީސް ވިދާޅުވިއެވެ.

ކެންސަރު ބައްޔަށް ފަރުވާދޭނެ ޑިޕާޓްމަންޓެއް އައިޖީއެމްއެޗުގައި ހުޅުވަން ނިންމާފައިވާއިރު، މިދިޔަ ފެބްރުއަރީ މަހުގެ ހަތަރު ވަނަ ދުވަހު ވަނީ ކެންސަރު ބައްޔަށް ފަރުވާދޭ ކީމޯތެރަފީ ސުއިޓެއް އައިޖީއެމްއެޗުގައި ހުޅުވައިފައެވެ.

ހިތުގެ ބައްޔަށް ފަރުވާދިނުމަށް އައިޖީއެމްއެޗުގައި ގާއިމްކޮށްފައިވާ ކެތު ލެބުގެ މަސައްކަތް ކުރިއަށްދާ ގޮތުގެ މައްޗަށް ވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުވައިލެއްވިއެވެ.

ރައީސް ވިދާޅުވީ، އެވްރެޖްކޮށް ދުވާލަކު 20 ނުވަތަ 30 ޕޭޝެންޓުން ހިތުގެ ބައްޔަށް އެކި ބާވަތުގެ ފަރުވާ ކެތު ލެބުގެ އެހީގައި ހޯދާ ކަމަށެވެ.

އައިޖީއެމްއެޗު ޒަމާނީ ފެންވަރަށް ތަރައްގީކޮށް، އެތަނުންދޭ ޚިދުމަތްތައް އިތުރުކުރުމަށް ސަރުކާރުން ވަނީ ޚާއްސަ މަސައްކަތްތަކެއް ފަށައިފައެވެ.